އެމްޕޮކްސްއަށް ޓެސްޓުކުރާ ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ހެލްތް މިނިސްޓްރީއަށް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯއިން ވަނީ އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހެލްތް މިނިސްޓްރީއަށް ހަވާލުކޮށްފައި -- ފޮޓޯ/ އެކްސް

މަންކީ ޕޮކްސް (އެމްޕޮކްސް)އާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކުރާ މަސައްކަތުގެ ތެރެއިން، ހެލްތް މިނިސްޓްރީއަށް އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑަބްލިއުއެޗްއޯއިން އެމްޕޮކްސް ކިޓުތަކެއް ހަދިޔާކުރީ، އެ ބައްޔަށް ތައްޔާރުވުމަށް ކުރާ މަސައްކަތާއި އެ ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އެ ގޮތުން ހެލްތް މިނިސްޓްރީން ވަނީ ޑަބްލިއުއެޗްއޯއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އެ މިނިސްޓްރީން ބުނީ އެންމެން ގުޅިގެން އެމްޕޮކްސްއާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަ ކުރަމުންދާ ކަމަށެވެ.

https://sun.mv/195519

އެފްރިކާ ސަރަހައްދުން އެމްޕޮކްސްގެ އާ ވޭރިއަންޓެއް ފެނުމާއެކު ޑަބްލިއުއެޗްއޯއިން ވަނީ އެ ބައްޔަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައިފައެވެ.

އޭޝިޔާ ސަރަހައްދުގެ ބައެއް ގައުމުތައް ހިމެނޭހެން ޖުމްލަ 13 ގައުމަކުން އެމްޕޮކްސްގެ ކޭސްތައް ރިޕޯޓުކޮށްފައިވެއެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބަލީގެ ނުރައްކާއޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ދެވަނަ ފަހަރެވެ.

އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމައެވެ. އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް