ނުރައްކާތެރި ބައްޔެއް ކަމަށްވާ އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސް (މަކުނު ވިދުރީ)ގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތް ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
ޑަބްލިޔުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެފްރިކާ ސަރަހައްދުން އެ ބަލީގެ އާ ވޭރިއަންޓެއް ފެތުރެމުންދިއުމާ ގުޅިގެންނެވެ.
"މިއަދު އިމަޖެންސީ ކޮމިޓީ ބައްދަލުކުރުމަށް ފަހު، ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހާލަތުގައި ކަމަށް ފެންނަ ކަމަށް ކަނޑައަޅައި އެގޮތަށް ލަފާ ދީފައިވޭ. އެ ލަފާ އަޅުގަނޑު ބަލައިގެންފިން." ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާންކުރެއްވިއެވެ.
ޑަބްލިއުއެޗްއޯއިން ބުދަ ދުވަހު ބުނީ އެފްރިކާގެ 13 ގައުމަކުން އެމްޕޮކްސް ކޭސް ފެނިފައިވާ ކަމަށާއި އޭގެ އާ ވޭރިއަންޓު ފެތުރެމުންދާ ކަމަށެވެ. މިއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބަލީގެ ނުރައްކާއޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅި ދެވަނަ ފަހަރެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން މި ބަލީގެ ކޭސްތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނުނު ފަހުން އެ ގައުމާ ކައިރި އެފްރިކާގެ އެހެން ގައުމުތަކުން ވެސް ދަނީ މީގެ ކޭސްތައް ފެންނަމުންނެވެ.
"ޑަބްލިއުއެޗްއޯއިން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގެ ސަމާލުކަން ގެނެސް، ބަލި ފެތުރިފައިވާ ކޮންމެ ގައުމަކާ ގުޅިގެން މަސައްކަތްކޮށް، ބަލި ފެތުރުން ހުއްޓުވުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށާއި ބަލި ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް." ޓެޑްރޮސް އިތުރަށް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެ ބަލިމަޑުކަން ފެށުނީ ކްލޭޑް 1ގެ ނަމުން މަޝްހޫރު ސްޓްރޭންއަކުން ނަމަވެސް މިހާރު ފެތުރެމުންދަނީ އާ ވައްތަރެއްގެ ސްޓްރޭންއެއް ކަމަށްވާ ކްލޭޑް 2ބީ އެވެ. މި ވައްތަރުގެ ސްޓްރޭން އަކީ ވަރަށް ހަލުއިކަމާއެކު ފެތުރެމުންދާ ސްޓްރޭންއެކެވެ. މި ސްޓްރެއިން މިހާތަނަށް ވަނީ ބުރުނާއި، ކެންޔާ، ރުވާންޑާ އަދި އުގާންޑާއިން ފެނިފައެވެ.
މި އަހަރުގެ މިހާތަނަށް އެފްރިކާގައި 17،000 އަށް ވުރެ ގިނަ ޝައްކު ކުރެވޭ އެމްޕޮކްސް ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ ބަލީގައި 517 މީހުން ވަނީ މަރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 އިންސައްތަ އިތުރު އަދަދެއް ކަމަށް އެފްރިކާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ.
އެ ބަލި ހަލުއިކަމާއެކު އެފްރިކާގައި ފެތުރެމުންދާތީ، އެ ސަރަހައްދުގައި މި ހަފުތާ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑެވެ. އެ ފަހަރު އެއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅިއެވެ.
އޭގެފަހުން 2023 ވަނަ އަހަރާ ހަމައަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި 445 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ.
އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.