މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ އިމާރާތް: މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި --

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ހައިވޯލްޓޭޖް ސަބްސްޓޭޝަން، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅުވާލުމުގެ މަސައްކަތްކުރާއިރު، މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ, ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން، ގްރޭޓާމާލެ އިންޓަކަނެކްޝަން ގުރިޑާ ގުޅުވާލައި، އެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާދަމާ ހެނދުނު 6:00 އިން 7:00 އަށް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި، މި މަސައްކަތްތައް ކުރިއަށްދާ ވަގުތު ހުޅުމާލެއާއި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ، އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭގް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭ ކަމަށެވެ.

އެ ކުންފުނިން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަގީންކަން އިތުރުވާނެ ކަމަށެވެ. އަދި، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް