ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިންތަކެއް ވިއްކަނީ

ހުޅުމާލެ 2 ގެ ބީޗް ފްރޮންޓް ސަރަހައްދު: މި ސަރަހައްދުން 1،096 ވިއްކަން މިހާރު ވަނީ ހުޅުވާލާފައި. --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން އިތުރު ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓު (އެޗްޑީސީ)އިން މިއަދު އިއުލާނުކޮށްފިއެވެ.

މިދިޔަ މެއި މަހު ވެސް އެޗްޑީސީން ދިވެހިންނަށް ބިން ވިއްކަން ހުޅުވާލިއެވެ. އަނެއްކާ ވެސް އެޗްޑީސީން މިއަދު ވަނީ އިތުރު ބިންތަކެއް ވިއްކަން ހުޅުވާލާފައެވެ.

ވިއްކަން ހުޅުވާލި ބިންތަކުގެ ތެރޭގައި، ހިމެނެނީ ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ ބިމެވެ. އެގޮތުން، ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި، ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

އެޗްޑީސީން ބުނީ، ދިވެހީންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި: ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް، ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި --- ފޮޓޯ/ އެޗްޑީސީ

ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާން ޖެހޭނެކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ، ބިޑް ކުރުމެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500 ރުފިޔާ ކަމަށްވާއިރު، ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅޭނެއެވެ.

މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

comment ކޮމެންޓް