އަތުކުރި ގަޑިތަކަކާއި ފޯނެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު 100 ވަނަ ފަހަރަށް ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ވާގޮތުން ތުހުމަތުކުރެވޭ މީހާ މި ފަހަރު ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވިގެންނެވެ. އެ ގޮތުން، އެ މީހާ ބަލައި ފާސްކުރިއިރު ލައިގެން ހުރި ފަޓުލޫނުގެ ޖީބުން ހަތަރު އަތުކުރި ގަޑިއާއި ވަގަށް ނަގާފައިވާ ފޯނެއް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެކަމަކު، އެ މީހާ ވަނީ ވައްކަންކުރި ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އެގޮތުން، ވައްކަން ކުރި ކަމަށް ބުނާ ގެއަށް ވަނީ ރައްޓެއްސަކު ބުނެގެން ކަމަށާއި އެ ގެއަށް ވަނީ ވައްކަން ކުރަން ނޫން ކަމަށް ކޯޓުގައި ބުނެފައިވެއެވެ. އަދި، ޖީބުން ފެނުނު ފޯނަކީ މަގުމަތިން ފެނުނު އެއްޗެއް ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.
މި މީހާއަކީ މި ބާވަތުގެ ކުށްތަކާއި އެހެނިހެން ބާވަތްތަކުގެ ކުށްތަކުގެ ރިކޯޑު ވެސް އޮތް މީހެއް ކަމަށް ކޯޓު އަމުރުގައިވެއެވެ. އެގޮތުން، މީގެ ކުރިން 99 ފަހަރެއްގެ މަތިން މި މީހާ ހައްޔަރުކުރިއިރު އޭގެ ތެރެއިން 39 ފަހަރު ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހު 26 އަށެވެ.