އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކަމަލަ ހެރިސްއަށް ޕޮޕް ސްޓާ ޓޭލާ ސްވިފްޓް ތާއީދުކޮށްފިއެވެ.
ޓޭލާ އެގޮތަށް ހާމަކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ހެރިސްއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސަށް ފަހުއެވެ.
"އަހަރެން ވެސް މިރޭ ބަހުސް ބަލައިފިން. އަހަރެން ވޯޓު ދޭނީ ހެރިސްއަށް. އެއީ އޭނާ ހައްގުތަކަށް ވަކާލާތުކުރާތީ. އަހަރެން ގަބޫލުކުރާ ގޮތުގައި އެ ކަންކަން ކުރުމަށް ރަނގަޅު ވެރިއެއް ބޭނުންވޭ. ހެރިސްއަކީ ރަނގަޅު ވެރިއެއް. އަދި އަހަރެން ގަބޫލު ކުރަނީ ހަމަނުޖެހުންތައް ނުގެނެސް ސުލްހަވެރިކަމާ އެކު މި ގައުމަށް ކުރިއަށް ގެންދެވޭނެ ކަމަށް،" އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޓޭލާ ބުންޏެވެ.
ޓޭލާ މީގެ ކުރިން ވެސް ވަނީ 2020 ވަނަ އަހަރުގެ އިންތިޚާބުގައި އެމެރިކާގެ ރައީސް ޖޯބައިޑަންއަށާއި، ނާއިބު ރައީސް ހެރިސްއަށް ތާއީދުކޮށްފައެވެ.
ހަމަ އެ އަހަރު އެމެރިކާގެ ޕޯސްޓް ސާވިސްގެ ފައިސާ ޑިފެންޑްކޮށް، ނަސްލީ އިންސާފު ހޯދުމަށް ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަމުގެ އިންޒާރު ދެއްވުމުން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ހެރިސްއަށް ތާއީދުކުރާ ކަމަށް ބުނެ ކުރި ޕޯސްޓުގައި ޓޭލާ ވަނީ، އޭނާ ޓްރަމްޕަށް ތާއިދުކުރާ ކަމަށް ބުނެ މިދިޔަ މަހު ޓުވިޓާގައި ކޮށްފައިވާ ޕޯސްޓުތަކަކީ ދޮގެއް ކަމަށް ވެސް ހާމަކޮށްފައެވެ.
ޓޭލާގެ ތާއީދު ހެރިސްއަށް ކުރުމާ ގުޅިގެން ޓްރަމްޕްގެ ކެމްޕޭންގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވަނީ ޑިމޮކްރެޓިކް ޕާޓީއަކީ މުއްސަނދި ޝަޚުސިއްޔަތުންގެ ޕާޓީއަކަށްވެފައިވާކަމުގެ އިތުރު ހެއްކެއް ކަމަށް ވިދާޅުފައެވެ.
އެ ކަމާ ގުޅިގެން ފޮކްސް ނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާއަކީ "ޓޭލާ ސްވިފްޓްގެ ފޭނެއް ނޫން" ކަމަށާއި އަސްލު ބްރިޓަނީ މަހޯމްސް މާ ކަމުދާ ކަމަށެވެ.
ބްރިޓްނީ މަހޯމްސް އަކީ ޓޭލާ ލޯބިވެރިޔާ ޓްރެވިސް ކެލްސޭގެ އެކުވެރިޔާ އެންއެފްއެލްގެ ކުޅުންތެރިޔާ ޕެޓްރިކް މަހޯމްސްގެ އަންހެނުންނެވެ. އަދި، މަހޯމްސް ވަނީ މިދިޔަ މަހު ޓްރަމްޕް އިންސްޓްގްރާމްގައި ކުރި ޕޯސްޓަކަށް ލައިކް ދީފައެވެ. ނަމަވެސް، ފަހުން ވަނީ އެ ޕޯސްޓު އަންލައިކް ވެސް ކޮށްފައެވެ. އެކަމާ ގުޅިގެން މަހޯމްސްއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
އޭގެ ފަހުން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޔޫއެސް އޯޕަންގައި މަހޯމްސްއާ އެކު ޓޭލާ ފެނުމުން ޓެލާގެ ސިޔާސީ ސްޓޭންޑާ ގުޅިގެން ފޭނުން ވަނީ ސުވާލު އުފައްދައިފައެވެ.