މި ނިމޭ ހަފުތާއަކީ ޖުމުލަކޮށް މަގުމަތީގައި ނުރައްކާތެރި ހާދިސާތަކެއް ހިނގި ހަފުތާއެކެވެ. ރޭސިން ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ހަސަން ސަމާހު ނިޔާވީ މިދިޔަ ހުކުރު ދުވަހުއެވެ.
އޭގެ ފަހުން ވެސް ގިނަ އެކްސިޑެންޓުތަކެއް ހިނގިއެވެ. ޚާއްސަކޮށް ހުޅުމާލޭގައެވެ.
މި ހަފުތާގެ 'ސަންް އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި އަލިއަޅުވައިލީ އެ މައުޞޫއަށެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޚާއްސަކޮށް އެކްސިޑެންޓުތައް ވީހާ ވެސް މަދުކުރަން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުންނެވެ. ދުނިޔޭގެ ގައުމުތަކުގައި ކަންކުރާ ގޮތާއި ރާއްޖޭގައި ހަދައި ގޯސްތަކުގެ ވާހަކައަށް ވެސް އަލިއަޅުވައިލިއެވެ.
މި ހަފުތާގެ ޕޮޑްކާސްޓް ފައްޓަވަމުން ސަންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވަނީ އެކްސިޑެންޓުތަކުގެ ތަފާސްހިސާބެއް ހިއްސާކުރައްވައިފައެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 1،907 އެކްސިޑެންޓު ހިނގާފައިވާއިރު މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 431 އިތުރު އަދަދެކެވެ.
މި އަހަރު މިހާތަނަށް މަދުވެގެން ހަ މީހުން އެކްސިޑެންޓުތަކުގައި ދުނިޔެ ދޫކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ހިސާބުތައް ފާހަގަކުރައްވައި ސާއިލް ވަނީ ރާއްޖޭގައި ނުގަވާއިދުން ދުއްވާ މީހުންނާއި ކަނޑައެޅިފައި އޮންނަ ސްޕީޑަށް ވުރެ ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅޭކަން ފާހަގަކުރައްވައިފައެވެ. އޭނާ ވަނީ ހަރުކަށި އަދަބުތަކެއް ދީގެން ވެސް އެ ފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އެ ގޮތުން، ސިންގަޕޫރު ފަދަ ގައުމުތަކުގައި ނުގަވާއިދުން ދުއްވާ މީހުންނަށް ހަރުކަށި އަދަބުތައް ދޭކަން ފާހަގަކުރެއްވިއެވެ.
މި މައުޞޫގައި ސަންގެ ޕޮލިޓިކަލް އެޑިޓަރު އަހުމަދު އިނާހް ވަނީ އެކްސިޑެންޓުތަކުގައި ފުރާނަ ގެއްލޭ މީހުންގެ ނިސްބަތް މަދު ބައެއް ގައުމުތަކުގައި ސްޕީޑު ލިމިޓުގެ ތެރެއިން ދުއްވާކަން ކަށަވަރުކުރަން ހަރުދަނާ އުސޫލުތަކެއް ގެންގުޅޭކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މާލޭ ސަރަހައްދަށް ނުކަތާ ވަރަށް މީހުން ތޮއްޖެހިފައި އޮންނަ އޮތުން ފާހަގަކުރައްވައި އޭނާ ވަނީ އިންފްރާސްޓްރަކްޗާގެ ތެރެއިން ވެސް މި ފަދަ މައްސަލަތައް ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި، ދުނިޔޭގެ ތަހުޒީބު ބައެއް ގައުމުތަކުގައި ކަންކުރާ ގޮތުގެ މިސާލުތަކެއް ކިޔައިދެއްވާފައެވެ.
ޕޮޑްކާސްޓްގައި ސަންގެ މަލްޓިމީޑިއާ އެޑިޓަރު މުޙައްމަދު ނާއިލް ޙަފީޒް ވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރަން އާންމުން ހޭލުންތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވަން ރާއްޖޭގައި އެންމެ އެކަށޭނެ މަސައްކަތްތައް ނުކުރެވޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގަވާއިދުގެ ތެރެއިން ދުއްވާ ބަޔަކަށް އާންމުން ހެދުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަން އާންމުން ހޭލުންތެރިކުރުވުން ވަރަށް މުހިންމު ކަމަށެވެ.
މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.