މޫޑީސް ރޭޓިން ދަށްކުރި ނަމަވެސް ސަރުކާރުން ރާވާފައިވާ މާލީ ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމާއެކު އިޖްތިމާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރެވޭނެ ކަމަށާއި މާލީ އަދި ބޭރުގެ ދާއިރާތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ވެސް ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށް މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.
އެ ވުޒާރާއިން މިހެން ބުނީ މޫޑީޒްގެ ރޭޓިން ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނުގައެވެ.
މިކަމާއި ގުޅިގެން މިއަދު މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ މި ދަށްކުރުމުން ދައްކުވައިދެނީ ޖުމްލަ ބައިނަލްއަގްވާމީ ރިޒާވްއަށް ކުރިމަތިވެފައިވާ ޕްރެޝަރާއި މުދަލުގެ އަގު މަތީގައި ދެމިހުރުމުގެ ސަބަބުން ޑެފިސިޓްތައް ދެމިގެންދާނެކަމާއި، ފައިނޭންސިންއަށް ހުރި ގޮންޖެހުންތައް ކަމަށެވެ.
އަދި ފިސްކަލް އިސްލާހުތައް ތަންފީޒުކުރުމުގައި ލަސްވުމާ ބެހޭގޮތުން މޫޑީސްއިން ކުރި އެސެސްމަންޓުތައް ކަމަށެވެ.
އެ ވުޒާރާއިން ވަނީ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ގާއިމުކުރުމަށާއި ބޭރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށް ޓަކައި ސަރުކާރުން ބޭނުންވާ ޓެކްނިިކަލް މަސައްކަތްތައް ނިންމާފައިވާއިރު މިހާރު ތަންފީޒުކުރުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފައެވެ.
އަދި މި އިސްލާހުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ހާއްސަކޮށް ފަގީރުކަން ނައްތާލުމާއި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ އޭޖެންސީތަކުން ސަރުކާރަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރުދަނާކަން އިތުރުކުރުމަށާއި ފިސްކަލް ދާއިރާއަށް ކުރިމަތިވެފައިވާ ޕްރެޝަރު ލުއިކުރުމަށް އަމާޒުކޮށްގެން، އެ ކުންފުނިތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާތައް ކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ފައިނޭންސިން ބޭނުންތައް ފުއްދުމަށް ޓަކައި ހުރިހާ އިންވެސްޓަރުންނާއެކު މަޝްވަރާކުރުންތައް ސަރުކާރުން ކުރިއަށް ގެންދާކަމަށް ވެސް އެ ވުޒާރާޢިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ފެންވަރާއެކު އުއްމީދުކުރެވޭ އިޤްތިސޯދީ ކުރިއެރުމާއި އާމްދަނީ އަދި ޚަރަދުގެ ހުރިހާ ފިޔަވަޅުތައް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވުމުން މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ޤާއިމުކުރެވޭނެކަމުގެ ޔަޤީންކަން ސަރުކާރަށް އެބައޮތް ކަމަށް ވެސް ބުނެފައެވެ.