މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެކުލަވައިލި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މި އާ ގަވާއިދާއެކު އައި އެންމެ ބޮޑު އެއް ބަދަލަކީ މީގެކުރިން އޮތް "ޓިއާ 2" ގެ މަނީ ޗޭންޖިން ލައިސަންސް މުޅިން އުވާލުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރިސޯޓުތަކަށް މަނީ އެކްސްޗޭންޖް ވިޔަފާރީގެ ލައިސަންސް ދޫކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް، ލައިސަންސަކާ ނުލައިވެސް، ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް އެ ތަންތަނުން ފައިސާ މާރުކޮށްދިނުމުގެ ހާއްސަ އިހުތިޔާރު ވަނީ ދީފައެވެ. ކުރީގެ ގަވާއިދުގެ ދަށުން "ޓިއާ 2" ގެ ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލުކޮށް، ދެއްކި ފީ އަނބުރާ ދިނުމަށް ވެސް އެމްއެމްއޭ އިން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މި ވިޔަފާރިއަށް އަލަށް ވަންނަ ފަރާތްތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ވަނީ 200,000 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި އިތުރަށް ހުޅުވާ ކޮންމެ ގޮތްޕަކަށް 100,000 ޑޮލަރު ބަހައްޓަން ޖެހެއެވެ. ލައިސަންސް އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 40,000 ރުފިޔާ، ލައިސަންސް އާކުރުމަށް 20,000 ރުފިޔާ އަދި އަހަރީ ފީގެ ގޮތުގައި 48,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.
އާ ގަވާއިދު ބަޔާންކުރާ ގޮތުގައި އާންމުންނަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހިދުމަތް ދެވޭނީ ހަމައެކަނި އެ ވިޔަފާރިއަށް ހާއްސަ، ކުންފުނީގެ މަންފާ ލިބޭ ހަގީގީ ވެރިޔަކީ ދިވެހި ރައްޔިތަކަށްވާ ކުންފުނިތަކަށެވެ. އަދި ކޯޕަރޭޓް ގްރޫޕަކަށް ދޫކުރެވޭނީ ވެސް އެންމެ ލައިސަންސެކެވެ.
މި ގަވާއިދުގެ ދަށުން ނަގުދު ފައިސާއިން އެއް މުއާމަލާތަކުން ނުވަތަ އެއް ދުވަހެއްގެ ތެރޭގައި އެއް ކަސްޓަމަރަކާއެކު ކުރެވޭނީ އެންމެ ގިނަވެގެން 50,000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރުގެ ބޭރު ފައިސާގެ މުއާމަލާތެވެ. މިއަށްވުރެ އިތުރުވާ މުއާމަލާތްތައް ބޭންކު އެކައުންޓު މެދުވެރިކޮށް ހިންގަން ޖެހޭއިރު، ދުވަހުގެ ނިޔަލަށް ހުންނަ އިތުރު ބޭރު ފައިސާ ޖެހިގެން އަންނަ ބޭންކިން ދުވަހު އެކައުންޓަށް ޖަމާކުރުން ލާޒިމުވާނެއެވެ.
ގަވާއިދާ ހިލާފުވާ ފަރާތްތަކާއި ހުއްދަ ނެތި ފައިސާ މާރުކުރާ ފަރާތްތައް 10,000 ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާތިލުކުރުމުގެ ބާރު އެމްއެމްއޭއަށް ވަނީ ދީފައެވެ.