އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހުގެ ފަހަކުން ހަތަކަށް

މިނުމު އަހަރުގެ އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުން ހަތް ވަނަ ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފިއެވެ.

އެމްއެމްއޭ ރިސާޗް ކޮންފަރެންސް މި އަހަރު ޚާއްސަކުރަނީ ދުނިޔެއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އިގްތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށް އެ އޮތޯރިޓީއިން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ޚާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެގޮތުގެ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއަށް އިގްތިސާދީ އަދި މާލީ ހަމަޖެހުން ގެނައުމެވެ.

އެމްއެމްއޭއިން ވަނީ މި އަހަރުގެ ރިސާޗް ކޮންފަރެންސްގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި މާލީ ހަމަޖެހުމާއި އިސްލާމީ މާލީ ނިޒާމާއި ޑިޖިޓަލް ފައިނޭންސާއި އިގްތިސާދު ސިންދަފާތުކުރުމާއި މޫސުމީ ރިސްކުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީ ފަދަ އެތައް މައުލޫތަކަށް ވާހަކަތައް އަމާޒުވެގެންދާނެ ކަމަށް ބުނެފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ރިސާޗް ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތައް ކަމަށާއި މި ބައި ކުރިއަށް ދާނީ އެމްއެމްއޭގައި ކަމަށް އެ އޮތޯރިޓީއިން ވަނީ މައުލާމާތުދީފައެވެ. އަދި ކޮންފަރެންސް އެޖެންޑާގެ މައިގަނޑު ކަންތައްތައް ކުރިއަށްދާނީ ދުސިތުޑީ ޓޫ ފޭދޫ މޯލްޑިވްސްގައި ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިނުމު އަހަރުގެ އެމްއެމްއޭގެ ރިސާޗް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: އެމްއެމްއޭ

މި ކޮންފަރެންސްގެ މަގުސަދަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމަށް ހިތްވަރުދިނުން ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ. އެމްއެމްއޭ ރިސާޗްކޮންފަރެންސްގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެ އޮތޯރެޓީއިން ބުނެއެވެ.

comment ކޮމެންޓް