ޣައްޒާ (11 ސެޕްޓެމްބަރު 2024): އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރެއް ޣައްޒާއަށް ވެއްޓި އިސްރާއީލު ސިފައިންގެ ދެ މީހުން މަރުވެ ހަތް މީހަކު ޒަޚަމްވެއްޖެއެވެ.
އިސްރާއީލު ސިފައިން ގެ ތަރުޖަމާނަކު ބުނިގޮތުގައި ވެއްޓުނީ އެމެރިކާގައި އުފައްދާފައިވާ "ބްލެކްހޮކް" މަރުކާގެ ހެލިކޮޕްޓަރެކެވެ. ހެލިކޮޕްޓަރު ވެއްޓުނު ސަބަބު އަދި ނޭނގޭ ކަމަށާއި މި ހާދިސާ ހިނގީ ހެލިކޮޕްޓަރަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައެވެ.
ޣައްޒާގެ މުޖާހިދުން ދޭ ހަމަލާތަކުގެ ސަބަބުން، ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވި ސިފައިންނާއި ޒަޚަމުވި ސިފައިން ގެންދިޔުމަށް ހިންގަންޖެހޭ އޮޕަރޭޝަން ކުރިއަށްގެންދިޔުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނެއެވެ.
މި އޮޕަރޭޝަން ނިންމާލެވުނީ ހަމަލާދޭ ބާވަތުގެ ހެލިކޮޕްޓަރަކަކާ އެކު އިތުރު ހަތަރު ހެލިކޮޕްޓަރު ބޭނުންކޮށްގެން އެތައް ގަޑީއިރެއް ފަހުންނެވެ. އެއީ، ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގެ ސަބަބުންނެވެ.
އިސްރާއީލުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހެލިކޮޕްޓަރުތަކުގެ މައިބަދައަކީ އެމެރިކާގައި އުފައްދާ "ބްލެކްހޮކް" މަރުކާގެ ހެލިކޮޕްޓަރުތަކެވެ. ޣައްޒާއަށް އުދުވާނީ ހަމަލާތައް ދިނުމަށާއި އަސްކަރީ ޓްރާންޕޯޓާއި ރެސްކިއު އޮޕަރޭޝަންތަކުގައި ވެސް މުޅިން ކަހަލަ ގޮތަކަށް ބޭނުންކުރަނީ "ބްލެކްހޮކް" މަރުކާގެ ހެލިކޮޕްޓަރުތަކެވެ. ވެއްޓިފައިވަނީ 14 ސިފައިން އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި މަރުކާގެ ހެލިކޮޕްޓަރެކެވެ.
އިސްރާއީލުގެ މީޑިއާ ބުނާގޮތުން ޣައްޒާގެ ދެކުނުގެ ރަފްހު ސަރަހައްދަށް މިއަދު ހެނދުނު މި ހެލިކޮޕްޓަރު ވެއްޓުނީ ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކެއްގައި ވަރަށް ބޮޑަށް ޒަޚަމުވެފައިވާ އިސްރާއީލު ސިފައިންގެ މީހަކު ސަލާމަތްކޮށް، އެ މީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ އޮޕަރޭޝަނެއް ހިންގަން އުޅުމުގެ ތެރޭގައެވެ.
އެހެންކަމުން ހެލިކޮޕްޓަރަށް މުޖާހިދުންގެ ހަމަލާއެއް އެރުމުގެ ސަބަބުން ވެއްޓުނީ ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އިސްރާއީލު ސިފައިންނަކީ މުޖާހިދުންގެ ހަމަލާތަކުގައި އެ މީހުންނަށް ލިބޭ ގެއްލުންތަކަށް އެއްބަސްވާ ބައެއް ނޫނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި ވެސް ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކެއް އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރަކަށް އެރިއެވެ. އަދި، އެކަމުގެ ސަބަބުން އެ ހެލިކޮޕްޓަރުގައި އަލިފާން ރޯވެ ވެއްޓިފައިވެއެވެ. ނަމަވެސް، ވެއްޓުނުކަމަށް އިސްރާއީލުން އެއްބަސްވެފައެއް ނުވެއެވެ.
ޣައްޒާގެ އާންމުން މެރުމަށް އިސްރާއީލު ސިފައިން ހިންގާ ގަތުލުއާންމުތަކުގައި ބޭނުންކުރާ ހެލިކޮޕްޓަރުތަކަށް ހަމާސްގެ މުޖާހިދުންގެ ހަމަލާތައް އަރާފައިވެއެވެ. ނަމަވެސް، ހެލިކޮޕްޓަރެއް ވެއްޓިފައިނުވާ ކަމަށް އިސްރާއީލުން ބުނެއެވެ.