އެކްސިޑެންޓުތައް ގިނަވާތީ އިތުރު ފުލުހުން މަގުތަކަށް ނުކުމެ، އުޅަނދުތައް ފާސްކުރަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: އެކްސިޑެންޓުތައް ގިނަވުމުން މާލެއާއި ހުޅުމާލެއަށް އިތުރު ފުލުހުން ވަނީ ނެރެފައި -- ފޮޓޯ/ ފުލުހުން

މާލޭ ސަރަހައްދުގައި މި ދުވަސްވަރު އެކްސިޑެންޓުތައް ގިނަވެފައިވާތީ، ފުލުހުން އާންމު މިންވަރަށް ވުރެ އިތުރަށް މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިރޭ ފުލުހުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު، ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ އިދާރާއިން ވަނީ، އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަކަން ޔަގީން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ: އެކްސިޑެންޓުތައް ގިނަވުމުން މާލެއާއި ހުޅުމާލެއަށް އިތުރު ފުލުހުން ވަނީ ނެރެފައި -- ފޮޓޯ/ ފުލުހުން

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އެގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި 21 އަހަރުގެ ޒުވާނަކަށް އަނިޔާވެ، އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި، ސައިކަލު ދުއްވަން އިން ޒުވާނާ ނިޔާވެފައިވެއެވެ.

އެއަށް ފަހު އިއްޔެ އާއި މިއަދު ތިން އެކްސިޑެންޓެއް ހިނގައިފައިވެއެވެ. އޭގެ ތެރޭގައި، އިއްޔެ ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާއި ރޭ ހުޅުމާލެއަށް އަރާ ހައިވޭގައި އާއި މިއަދު މާލޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުތަކެއް ހިމެނެއެވެ.

އެ އެކްސިޑެންޓުތަކުގައި ޖުމްލަ ހަ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

https://sun.mv/196484

މިއަހަރުގެ މިހާތަނަށް ފުލުހަށް 1،933 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް