ލަންޑަން (9 ސެޕްޓެމްބަރު 2024): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ޔޯފް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުން ގެންދާކަން އެ ކޯޓުން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވީ، އިސްރާއީލުގެ ދިފާއުގައި އެމެރިކާއާއި ޔޫރަޕުން ބައިނަލްއަގުވާމީ ކޯޓުތަކަށް އަތްބާނައި ބިރުދައްކައި އަދި ނުފޫޒު ފޯރުވަމުން ގެންދާ ކަމަށާއި މިއީ ވަރަށް ނުރައްކާތެރި އަދި ބައިނަލްއަގުވާމީ އަދާލަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.
ލަންޑަންގައި ދެއްވި ބަޔާނެއްގައި ކަރީމް ޚާން ވިދާޅުވީ، ވަކި ގައުމެއްގެ ވެރިއަކާ ދެކޮޅަށް މައްސަލަ ބެލުމަށް ހުރަސްއަޅައި ކޯޓަށް އަތްބޭނުމަކީ ބައިނަލްއަގުވާމީ އިންސާފަށް ހުރަސް އެޅުމެވެ. މިއީ ގާނޫނާއި ގަވައިދުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގުވާމީ ނިޒާމު ހަލާކުވެގެންދާނެ އަދި މި ނިޒާމަށް ދުނިޔޭގެ ގައުމުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
ކަރީމްޚާން ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދުމާ އެކު އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ޚުދު އޭނާއަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ އިންސާފަށް ހުރަސްއަޅައި ބައިނަލްއަގުވާމީ ކޯޓުތަކަށް އަތްބާނަމުން ގެންދާކަމުގެ ތުހުމަތު އެމެރިކާއާއި ޔޫރަޕްގެ މައްޗަށް ބައިނަލްއަގުވާމީ ގޮތުން ސީދާ ގޮތެއްގައި ކުރި ފުރަތަމަ ފަހަރެވެ.
އެމެރިކާއާއި ޔޫރަޕަކީ ސެލެކްޓިވް ޖަސްޓިސް ގެންގުޅޭ އަދި އެއް މައްސަލައެއްގައި އެކި ގައުމުތަކަށް އެކި ގޮތަށް މުއާމަލާތްކުރާ ކަމަށް ނަން މަޝްހޫރު ފަރާތްތަކެވެ. ޔުކްރެއިން މައްސަލާގައި ޔުކްރެއިންގެ ކުޑަކުދިންތަކެއް އެ ކުދިންގެ މައިންބަފައިންގެ ހުއްދައަކާނުލައި ރަޝިއާގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ގެންދިޔަ މައްސަލައިގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުންވަނީ ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންއާއި ރަޝިއާގެ އޭރުގެ ދިފާއީ ވަޒީރު ސަރްގޭ ޝުވީގޯއާއި ރަޝިއާގެ އެހެން މަސްއޫލުވެރިއަކު ހައްޔަރުކުރުމުގެ އަމުރެއް އަވަސް އަރުވާލައިގެން ނެރެފައެވެ.
މި އަމުރު ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ފިއްތުންތައް ކުރިމަތިކުރިކަމުގެ ތުހުމަތު ވެސް ކުރެވިފައިވަނީ އެމެރިކާއާއި ޔޫރަޕްގެ މައްޗަށެވެ. މިވަރުގެ ކަމެއްގައި ރަޝިއާގެ މަސްއޫލުވެރިންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމި ކޯޓުން އަވަސްގޮތަކަށް ނެރުނުއިރު އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އެތައް ގަތުލުއާންމުތަކެއް ހިންގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ގެންދަނީ މަރަމުންނެވެ.
އިސްރާއީލުން މިހާތަނަށް ޣައްޒާގެ އާންމުންގެ 40،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި 18،000 އަށްވުރެ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، އިސްރާއީލުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ވެސް ބޮމުންނާއި ބޮޑުބަޑިން ހަމަލާދީ އެ ތަންތަން ބިނާހަމަކޮށްލައި ބަލި މީހުންނާއި ޑޮކްޓަރުންގެ ގިނަ ބަޔަކު ވެސް މަރާލާފައެވެ.
ޣައްޒާގެ އާންމުން ކާބޯތަކެތިން މަހުރޫމުކޮށް އެ މީހުން ބަނޑަށް ޖެއްސުމުގެ ޖަރީމާތަކާއި ސްކޫލުތަކާއި އާންމުންގެ ގެދޮރަށް ހަމަލާދީ އެ ތަންތަން ހަލާކުކުރުމުގެ ޖަރީމާތައް ވެސް ފުޅާ ދާއިރާއެއްގައި އިސްރާއީލުން ގެންދަނީ ހިންގަމުންނެވެ. ޣައްޒާގައި ކާބޯތަކެތި ހޯދުމަށް ކިޔޫގައި ތިބޭ އާންމުންނަށް ފައިޓާ ޖެޓްތަކުން ހަމަލާދީ އެ މީހުން މެރުމުގެ ޖަރީމާތައް ވެސް ދުނިޔޭގެ ކުރިމަތީގައި ފާޅުގައި އިސްރާއީލު ހިންގަމުން ގެންދާއިރު އިސްރާއީލުގެ އިސްވެރިންވަނީ ޣައްޒާގެ އާންމުން ކާބޯތަކެތިން މަހުރޫމްކޮށް އެ މީހުން ބަނޑަށް ޖައްސައިގެން މަރާލުމަށް ވެސް ގޮވާލާފައެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ވަނީ ޣައްޒާގެ ރައްޔިތުންނަކީ ޖަނަވާރުން ކަމަށް ވެސް ސިފަކޮށްފައެވެ. މި ހުރިހާ ޖަރީމާތައް އިސްރާއީލު ހިންގަމުން ގެންދާއިރު ވެސް އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ ފަސްޖެހިފައެވެ. ޕްރޮސެކިއުޓަރު ކަރީމް ޚާން މި ފަދަ އަމުރަކަށް އެދިވަޑައިގަތީ ވެސް މީގެ ތިން މަސް ކުރިންނެވެ.
މިފަދަ އަމުރަކަށް އޭނާ އެދިވަޑައިގެންފައިވާތާ ތިން މަސްވީއިރު ވެސް އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުން ވަނީ ފަސްޖެހިފައެވެ. އެ ބޭފުޅުން މި ކަމަށް ފަސްޖެހެމުން ގެންދާތީ އެ މައްސަލައަށް ދުނިޔޭގެ އާންމުންގެ ސަމާލުކަންވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.
ލަންޑަންގައި ނޫސްވެރިން ކަރީމް ޚާނާ ސުވާލުކުރީ ވެސް މި މައްސަލައިގައެެވެ. އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުން ފަސްޖެހެމުންދާ މައްސަލައިގައެވެ. މި މައްސަލައިގެ ޖަވާބުގައި ކަރީމް ޚާން ވިދާޅުވީ، އެކަން ލަސްވަނީ އެމެރިކާއާއި ޔޫރަޕުން ސީދާ ގޮތެއްގައި ބައިނަލްއަގުވާމީ ކޯޓަށާއި އެ ކޯޓުގެ ފަނޑިޔާރުންނަށާ އަދި ޕްރޮސެކިއުޓަރަށް ބިރުދައްކަމުން ގެންދާތީއެވެ.
ލިންޑްސޭ ގްރަހަމް ފަދަ އެމެރިކާގެ ކޮންގްރެސްގެ ހަރުކަށި ފިކުރުގެ އެތައް މެންބަރަކު ވަނީ އިސްރާއީލުގެ އިސްވެރިން ހިންގާ ޖަރީމާތަކާ ގުޅިގެން އެ މީހުން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރެފިނަމަ އެ ކޯޓުގެ މަސްއޫލުވެރިންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ފާޅުގައި ދެއްވާފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާއަށް އެރުން އެ ބޭފުޅުންނަށް މަނާކުރުމާއި އެމެރިކާގައިވާ އެ ބޭފުޅުންގެ އެކައުންޓްތަކާއި އެސެޓްތައް ފްރީޒްކުރުން ފަދަ ކަންކަން ހިމެނޭނެކަމަށް ކޮންގްރެސްގެ ހަރުކަށި މެންބަރުން ވިދާޅުވެފައިވެއެވެ.