ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން މިނިވަންކުރަން ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
ޚިޔާނާތުގެ ކުށް ސާބިތުވެ، އިމްރާން ޖަލުގައި ހުންނަވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ނަމަވެސް، އޭނާއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އެއީ ސިޔާސީ ގޮތުން އިމްރާންގެ މައްޗަށް ކުރި ދައުވާތަކެކެވެ.
އިމްރާން ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން އިސްލާމްއާބާދުގައި ރޭ އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ ފެބްރުއަރީ މަހު ބޭއްވި ގައުމީ އަދި ސަރަހައްދީ އިންތިޚާބަށް އެހާ ވަރުގަދަކޮށް މުޒާހަރާ ބޭއްވި ފުރަތަމަ ފަހަރެވެ.
"އިމްރާން ޖަލުން ދޫނުކުރާހާ ހިނދަކު އަހަރެމެން ހުއްޓައެއްނުލާނަން،" އެއްވުމުގައި ދިން ފުރަތަމަ ތަގުރީރުގައި އިމްރާންގެ ގާތް އެކުވެރިއެއް ކަމަށްވާ ހައްމާދު އަޒްހަރު ވިދާޅުވިއެވެ.
ޕާކިސްތާނު ސަރުކާރުން ވަނީ އިސްލާމްއާބާދަށް ވަދެވެން އޮންނަ ހުރިހާ މަގެއް ކޮންޓެއިނަރުތަކާއި ފުލުހުން ބައިތިއްބައިގެން ބަންދުކޮށްފައެވެ.
"އެއްވުމާ ހަމައަށް ވާސިލުވާން ވަރަށް އުނދަގޫވި. ހުރިހާ މަގެއް ވަނީ ބަންދުކޮށްފައި. އެކަމަކު އަޅުގަނޑުމެން މި ތިބީ އަޒުމު ކަނޑައަޅައިގެން. އިމްރާންގެ ފަރާތުން މުޒާހަރާ ކުރަން ގޮވާލާފައި އަޅުގަނޑުމެން ނައުން އެއީ ކުރެވޭނެ ކަމެއް ނޫން. އެންމެ ފަހު ނޭވާއާ ހަމައަށް އަހަރެމެން މި ތިބީ އޭނާއާ އެކު،" ޕީޓީއައިގެ ސަޕޯޓަރެއް ކަމަށްވާ ރޮބިނާ ޣަފޫރު އަލްޖަޒީރާއަށް ކިޔައިދިނެވެ.
އިސްލާމްއާބާދު ފުލުހުންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ މުވައްޒަފުންނަށް ގަލުން ހަމަލާދީފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކުރީގެ ކްރިކެޓް ތަރިއެއް ކަމަށްވާ އިމްރާން ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ޖަލުގައި ހުރިއިރު، އެ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހު އޭނާގެ ސަޕޯޓަރުން ކުރި މުޒާހަރާގައި އަނިޔާވެރިކަމަށް ބާރުދިން ކަމަށް ބުނެ އިމްރާންގެ މައްޗަށް އަންނަނީ ޝަރީއަތް ހިންގަމުންނެވެ. ނަމަވެސް، އިމްރާން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.