އެއްލައިލި ސިނގިރޭޓު ފޮއްޓަކުން ޑުރަގު ފެނުމުން އުމުރަށް ޖަލަށް

ހުޅުމާލެ ޕޭމަންޓެއްގެ އެއްކައިރި އަޅާފައިހުރި ކުނި: އެއްލައިލި ސިނގިރޭޓު ފޮއްޓަކުން ޑުރަގު ފެނުމުން އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްލައިލި ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން ނުވަ ގްރާމުގެ ޑައިފޯމިން ފެނުމުން އެ މައްސަލައިގައި އެ މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޑައިފޯމިން ޓުރެފިކުކުރުމުގެ ކުށުގެ ދައުވާ އުފުލީ ޙަސަން ސިފާހު، މއ. ސިޓީވިލާ، ކ. މާލެ، އަށެވެ.

އޭނާ އެއްލައިލި ސިނގިރޭޓު ފޮއްޓަކުން ޖުމުލަ 9.3124 ގްރާމުގެ ޑައިފޯމިން ފެނުނު ނަމަވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި، އެ ސިނގިރޭޓު ފޮއްޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ އޭނާއަށް އެއްވެސް ގުޅުމެއް ވެސް އޮތް ތަކެއްޗެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 7، 2022 ގައެވެ.

ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ ރޭ ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި އައި ސައިކަލެއްގައި ލޯގަނޑު ނެތުމުން މަޑުކުރުވީއެވެ. އޭރު އެ ސައިކަލުގެ ފަހަތުގައި އިން ސިފާހު އަތުގައި އޮތް ސިނގިރޭޓު ފޮށި އެއްލައިލުމަށް ފަހު ދުއްވާގަތް ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވެއެވެ.

އެ ސިނގިރޭޓު ފޮށި ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި 95 ޕެކެޓުގައި ޖުމުލަ 9.3124 ގްރާމްގެ ޑައިފޯމިން ހުއްޓެވެ.

އެހެންވެ، ސިފާހުގެ މައްޗަށް އުފުލާފައިވާ ޑައިފޯމިން ޓުރެފިކުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރަން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި އޭނާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ 24 އަހަރާއި 11 މަސް ދުވަހުގެ ޖަލު އަދަބެކެވެ.

comment ކޮމެންޓް