ސިދާތާއި ޖާންވީ ފުރަތަމަ ފަހަރަށް ސްކްރީނަށް

ޖާންވީ ކަޕޫރު އަދި ސިދާތު މަލްހޯތުރާ--ފޮޓޯ/މިސްމާލިނީ

މިހާތަނަށް އެކީގައި ފިލްމަކުން ފެނިފައިނުވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ސިދާތު މަލްހޯތްރާ އެއް ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުން ޖާންވީއާއި ސިދާތު ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތް ކުރާނެ މި ފިލްމަކީ ވަރަށް ރީތީ ލޯބީގެ ފިލްމެކެވެ. މިއީ މި ފަހުން ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްއިން ޕްރޮޑިއުސަރު ދިނޭޝް ވީޖަން އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ ސިދާތު މެޑްޑޮކް ފިލްމްސްއާ އެކު މަސައްކަތް ކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ. މީގެ ކުރިން ބަތަލާ ޖާންވީ ވަނީ މެޑްޑޮކް ފިލްމްސްއިން ގެނެސްދިން ހޮރޯ ކޮމެޑީ ފިލްމު "ރޫހީ"ގައި މަސައްކަތް ކޮށްފައެވެ.

ޖާންވީ ފިލްމު "ދެވަރާ: ޕާޓް 1"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށް, ބެލުންތެރިންގެ މަގުބޫލުކަން ހޯދަމުން އަންނަ ޖާންވީއަކީ މި ފަހުން ބޮލީވުޑަށް ތައާރަފުވި ބަތަލާއިންގެ ތެރެއިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ފިލްމީ ތަރިއެކެވެ.

ޖާންވީގެ ދެ ފިލްމެއް މި އަހަރު ރިލީޒްކޮށްފައިވާއިރު މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "އުލަޖް"ގައި ޖާންވީ ކުޅެފައިވާ ރޯލަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ދެވަރާ: ޕާޓް 1"އިންނެވެ. މިއީ ޖާންވީގެ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމެވެ.

comment ކޮމެންޓް