ސައުތު ސިނަމާގައި އުފައްދާ ގިނަ ފިލްމުތައް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އެ ފިލްމުތަކަކީ މިއަދުގެ މުޖުތަމައުން ފެންނަ ހަގީގީ މަންޒަރުތައް ދައްކުވައިދޭ ފިލްމުތަކަށް ވުމުން ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.
ބޮލީވުޑްގައި އުފައްދާ ހިންދީ ފިލްމުތަކުގެ މައްޗަށް ތަމަޅަ ފިލްމުތަކުން ކުރި ހޯދަނީ ހިންދީ ސިނަމާއިން މިއަދުގެ ހަގީގަތާ ކުރިމަތިލާން ބޭނުންނުވެ ހުވަފެނީ ފިލްމުތަކެއް އުފައްދާތީ ކަމަށް ތަޖުރިބާކާރު ބަތަލާ ވަނީ ބުނެފައެވެ.
ކަންގަނާ މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އާޖްތަކް އެޖެންޑާގައި ކުރިއަށްދިޔަ ބަހުސެއްގައި ކަންގަނާ ގާތުން ބޮކްސްއޮފީހުގައި ރަސްކަން ކުރަމުން އަންނަ ތެލުގޫ ފިލްމު "ޕުޝްޕާ 2"ގެ ކާމިޔާބީއާ ގުޅިގެން ސުވާލުކުރުމުންނެވެ.
އެންމެ ފުރަތަމަ ކަމަކަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަކީ އެއް ބައެއް ކަމަށާއި ސައުތު ސިނަމާ އާއި ބޮލީވުޑް ސިނަމާގެ ނަމުން ބައެއް މުހާތަބު ކުރާތީ ވެސް ކަންގަނާ ވަނީ ކަންބޮޑުވާ ކަމަށް ބުނެފައެވެ.
ތަމަޅަ ފިލްމަކަސް ހިންދީ ފިލްމަކަސް މުހާތަބު ކުރަން ޖެހެނީ އިންޑިއަން ފިލްމު އިންޑަސްޓްރީގެ ނަމުން ކަމަށާއި ކޮންމެ ސްޓްރީމެއްގެ ފިލްމަކުން ކާމިޔާބު ހޯދި ނަމަވެސް އެއީ މުޅި އިންޑިއާއަށް ލިބޭ ކާމިޔާބީއެއް ކަމުގައި ދެކޭ ކަމަށް މިހާރު ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ބަތަލާ ވަނީ ބުނެފައެވެ.
ކަންގަނާ ބުނެފައި ވަނީ ބޮލީވުޑްގެ ބައެއް މީހުން އަދިވެސް ދިރިއުޅެމުން ދަނީ ސައިބޯނި ބޮކިތަކެއް ފަދަ 'ބަބްލް'އެއްގެ ތެރޭގައި ފިލައިގެން ކަމަށެވެ. އޭގެން ބޭރުވާން ގިނަބަޔަކު ބޭނުން ނުވުމުގެ ނަތީޖާއެއްގެ ގޮތުން އުފައްދާ ގިނަ ފިލްމުތަކަކީ ވެސް ހަގީގަތާ ދުރަށް އޯޑިއަންސް ގެންގޮސްދޭ ފިލްމުތަކަށް ވެފައިވާ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ގިނަ ތަރިންނާއި ޕްރޮޑިއުސަރުންގެ ދިރިއުޅުން ބިނާވެފައި ވަނީ އަގުބޮޑު 'ޕޮޝް' ޖިމްއަކަށް ގޮސްލާ މޮޅެތި ނަންކިޔާ ޕްރޮޓީންސް ޝޭކާ އެކި ވައްތަރުގެ ކޮސްމެޓިކް ސާޖަރީއާ ގުޅޭ އިންޖެކްޝަންތަކެއްގެ މައްޗަށް ކަމަށް ބުނެ ކަންގަނާ ވަނީ ބުނެފައެވެ.
ފިލްމު "ޕުޝްޕާ 2"ގައި ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ކުޅުނު ރޯލަށް ތައުރީފު ކުރަމުން ކަންގަނާ ބުނީ ބޮލީވުޑްގެ އެކްޓަރަކަށް އެ ރޯލް ހުށަހެޅި ނަމަވެސް އެ ރޯލް ކުޅެން އެކަކުވެސް އެއްބަސްނުވީސް ކަމަށެވެ.
އެއަށްވުރެ ބޮޑަށް ގިނަ އެކްޓަރުން ބޭނުންވަނީ ސްކްރީނުން 'ސިކްސް ޕެކްސް' އާއި އަގުބޮޑެތި ދޮންވެލި ތުނޑިތަކާ އެކު އަގުބޮޑު ސައިކަލު ތަކުގެ މަންޒަރުތައް ބެލުންތެރިންނަށް ދެއްކުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.