ކޭންގެ ހެޓްރިކާ އެކު ބަޔާން އެއްވަނައަށް

ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިޔުނިކުން ހޯލްސްޓެއިން ކިއެލް ބަލިކޮށް، ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ހޯލްސްޓެއިންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކޮށްފައިވަނީ 6-1 އިންނެވެ.

މެޗު ފެށި ގޮތަށް، 13 ވަނަ ސިކުންތުގައި ޖަމާލް މުސިއެލާ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ. މިއީ ބުންޑެސްލީގާގައި ބަޔާނުން ކާމިޔާބުކުރި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. އެންމެ އަވަސް ލަނޑަކީ 1998 ވަނަ އަހަރު ޖިއޮވާނޭ އެލްބާ 11 ވަނަ ސިކުންތުގައި ހެމްބާގް ކޮޅަށް ޖެހި ލަނޑެވެ.

މެޗުގެ ހަވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. އެ ލަނޑު ޖަހައިދިނީ ހެރީ ކޭނެވެ. ތިންވަނަ ލަނޑަކީ މެޗުގެ 13 ވަނަ މިނެޓްގައި ހޯލްސްޓެއިންގެ ނިކޮލައި ރެމްބާގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޭން ވަނީ މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު ބަޔާނަށް ހަތަރު ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ބަޔާންގެ ފަސްވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ މައިކަލް އޮލީސޭއެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކޭން ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ. މިއީ އޭނާ ބަޔާނަށް ކާމިޔާބުކޮށްދިން ފަސްވަނަ ހެޓްރިކެވެ.

މެޗުގައި ހޯލްސްޓެއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިން ގިގޮވިޗެވެ.

ބަޔާނުން ވަނީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް އަރައިފައެވެ. މި ސީޒަންގައި ލީގުން އަލަށް ޖާގަ ހޯދި ހޯލްސްޓެއިން އުޅެނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ، 18 ޓީމު ހިމެނޭ ބުންޑެސްލީގާގެ ތާވަލުގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް