އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓާ މައޭމީއަށް ކުޅެމުންދާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަނިޔާއިން އެނބުރިއައުން ދެ ލަނޑާ އެކު ފާހަގަކޮށްފިއެވެ.
އެމްއެލްއެސްގެ އީސްޓަން ކޮންފަރެންސްގައި މައޭމީން ފިލަޑެލްފިއާ ޔޫނިއަން ބަލިކުރީ 3-1 އިންނެވެ.
ޖުލައި މަހު އެމެރިކާގައި ބޭއްވި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮލޮމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ފަހުން މެސީ ހުރީ ކުޅުމާ ދުރުގައެވެ. އެ އަނިޔާގެ ސަބަބުން މި މަހު އާޖެންޓީނާއިން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އޭނާއަށް ކުޅެވޭގޮތެއް ނުވިއެވެ. އީސްޓަން ކޮންފަރެންސްގައި އިންޓާ މައޭމީ ކުޅުނު އަށް މެޗު މެސީއަށްވަނީ ގެެއްލިފައެވެ.
ފިލެޑެލްފިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 37 އަހަރުގެ މެސީ ވަނީ މުޅި މެޗު ފުރިހަމަކޮށްފައެވެ. މިއީ އޭނާ މައޭމީގެ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ވޭތިވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުޅުނު ފުރަތަމަ މެޗެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ޖަހައި، ލީޑު ނެގީ ފިލަޑެލްފިއާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކައިލް އުހްރޭއެވެ. ނަމަވެސް، މެސީ ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލުއިސް ސުވަރޭޒާއި ޖޯޑީ އަލްބާ ގުޅިގެން ތަނަވަސްކޮށް ފުރުސަތެއްގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން މެސީ ވަނީ މައޭމީއަށް މި މެޗުގެ ލީޑު ނަގައިދީފައެވެ.
މެޗުގެ އިތުރު ވަގުތުގައި މެސީ ވަނީ ލުއިސް ސުވަރޭޒް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. މި ސީޒަންގައި މެސީ ވަނީ މައޭމީއަށް ކުޅުނު 13 މެޗުގައި 14 ލަނޑު ޖަހައިދީފައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން މެސީ ބުނީ، އޭނާއަށް ކޮންމެ ވެސް ވަރަކަށް ވަރުބަލިކަން އިހުސާސްކުރެވުނު ކަމަށާއި ނަމަވެސް އެހާ ދުވަހު ކުޅުމާ ދުރުގައި ހުއްނަން ޖެހުމުން އަބަދު ވެސް ބޭނުންވެފައިހުރީ ވީހާ ވެސް އަވަހަކަށް ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ކަމަށެވެ.
އެމްއެލްއެސްގެ ވެސްޓަން ކޮންފަރެންސްގެ އެންމެ ކުރީގައި އުޅޭ ލޮސް އެންޖަލިސްއަށް ނިސްބަތްވާ ދެ ޓީމު ކަމުގައި އެލް އޭ ގެލެކްސީއާއި އެލްއޭއެފްސީ ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކުރީ ގެލެކްސީއެވެ. ގެލެކްސީން މެޗު ކާމިޔާބުކޮށްފައިވަނީ އެލްއޭއެފްސީން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ.