އިނގިރޭސި ޕްރިމިއާ ލިގުގައި އެސްޓަން ވިލާއިން ފަހަތުން އަރައި އެވަޓަން ބަލިކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2 އިންނެވެ.
ވިލާއިން ވަރަށް ފޯރިއާ އެކު މެޗު ފެށި ނަމަވެސް، މެޗުގެ ފުރަތަމަ 30 މިނެޓް ވެގެންދިޔައީ އެ ޓީމުން ހަނދާން ނައްތާލަން ބޭނުންވާނެ 30 މިނެޓަށެވެ. އެވަޓަންއިން މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގައި، މުޅި ދަނޑަށް ހަމަހިމޭންކަން ގެނުވިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑުވައިތް މެކްނީލެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޑޮމިނިކް ކެލްވާޓް ލުވިން ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގައި އެވަޓަންއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.
އެކަމަކު، މެޗުގެ 36 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ވިލާއަށް ކާމިޔާބުކޮށްދިން ލަނޑާ އެކު އެވަޓަން ހާސްކަމަށް ވެއްޓުނެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް 58 ވަނަ މިނެޓުގައި އޮޓްކިންސް ދެވަނަ ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުން ވިލާ މޮޅުކޮށްދިނީ 76 ވަނަ މިނެޓުގައި ޖޯން ޑުރާންއެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ވަރަށް ބަލާލާފައި އެވަޓަންގެ ގޯލަށް ފޮނުވާލި ހަމަލާ އެވަޓަންގެ ކިޕަރު ޖޯޑަން ޕިކްފަޑްގެ އަތް ކައިރިން ގޮސް މަތީ ގޯލުގެ މަތީ ކަނަށް ވަނުމާ އެކު މުޅި ދަނޑު އެއް އަޑަކުން ގުގުމައިގެންދިޔައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެވަޓަންއިން އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމޯތު އަތުން ވެސް ބަލިވީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، އެ ޓީމުން ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާއި، ހަތަރު މެޗުން ލިބުނު ޖުމުލަ ނުވަ ޕޮއިންޓާ އެކު ވިލާ އޮތީ އިނގިރޭސި ލީގުގެ ތިންވަނައިގައެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ، އެވަޓަން އޮތީ ތާވަލުގެ ފުލުގައެވެ.
މީގެ އިތުރުން، ލީގުގައި ޗެލްސީން ވަނީ 1-0 އިން ބޯންމޯތު ބަލިކޮށްފައެވެ.
ބޯންމޯތުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔާ ކްރިސްޓޮފާ އެންކުންކޫއެވެ. މި ލަނޑު ޖެހުމަށް އޭނާއަށް އެހީތެރިވެދީފައިވަނީ މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއަށް ބަދަލުވި ޖޭޑަން ސަންޗޯއެވެ.
މި ކާމިޔާބީއާ އެކު ޗެލްސީ މިހާރު އޮތީ ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ. ބޯންމޯތު އޮތީ ފަސް ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ.