އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ އޮއްބާލަން މަސައްކަތްކުރި ކަމަށް ބުނެ ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގެ ހުކުމް، އެގައުމުގެ ރިޔާސީ އިންތިޚާބަށް ފަހު އިއްވަން ނިންމައިފިއެވެ.
އެ މައްސަލަ ބައްލަވާ ނިއު ޔޯކުގެ ފަނޑިޔާރު ހުއާން މާޗަން ވިދާޅުވީ، އެ މައްސަލައިގައި ހުކުމް ކުރާނީ އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި ބާއްވާ ރިޔާސީ އިންތިޚާބަށް ފަހު، އެ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާއިރު، ހުކުމް އިއްވުން މީގެކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 18 ވަނަ ދުވަހަށެވެ. ހުކުމް އިއްވަން އެންމެ ފުރަތަމަ ތާވަލުކުރީ ޖުލައި 11 އަށެވެ.
ފަނޑިޔާރު މާޗަން ވިދާޅުވި ގޮތުގައި ހުކުމް ކުރުން ފަސްކުރަނީ، އެ ހުކުމަކީ އިންތިޚާބުގެ ވަކި ފަރާތަކަށް ފައިދާ ނުވަތަ ގެއްލުންވާ ގޮތަށް ކުރާ ހުކުމެއް ކަމަށް ޝައްކު ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
ޓްރަމްޕް ވަނީ ފަނޑިޔާރުގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، އެ މަނިކުފާނުގެ ކުށެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާތައް ސާބިތުވީ މިދިޔަ މެއި މަހުއެވެ. އެއާއެކު ޓްރަމްޕް ވަނީ، އެމެރިކާގެ ތާރީޚުގައިވެސް ޖިނާއީ ދައުވާއެއްގެ ޝަރީއަތްކޮށް ކުށް ސާބިތުވި ފުރަތަމަ ރައީސަށް ވެވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވާދަކުރައްވާ ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި ކެމްޕޭނަށް ގެއްލުންވެދާނެ ކަމަށް ބަލައި ޓްރަމްޕް ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ގުޅުން ފޮރުވަން 130،000 ޑޮލަރު އޭނާއަށް ދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް އުފުލި ތަފާތު 34 ދައުވާއެއް ސާބިތުވާ ކަމަށް އެ މައްސަލަ ބެލި ނިއު ޔޯކް ސިޓީގެ ޖޫރީއިން ވަނީ ކަނޑައަޅައިފައެވެ.
ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ އެކު، ޓްރަމްޕް ވަނީ މި ޝަރީއަތަކީ ސިޔާސީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޓްރަމްޕްއާ ވާދަކުރައްވަން ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ފުރަތަމަ ކެމްޕެއިން ކުރެއްވީ ރައީސް ޖޯ ބައިޑެންއެވެ. ނަމަވެސް ބައިޑެންގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ބައިޑެން ވަނީ މިދިޔަ ޖުލައި މަހުގެ 21ގައި ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައެވެ.
އެއަށްފަހު ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކަށް ހޮވައިފައި ވަނީ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.