ބައިޑެން އިތުރު ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ބައިޑެން ވަނީ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައިި -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން، އިތުރު ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ.

ބައިޑެން އެކްސްގައި އާންމުކުރެއްވި ސިޓީއެއްގައި ވަނީ، މި ރިޔާސީ ދައުރުގައި ގައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސާދުގެ ގޮތުގައި ފާހަގަވަނީ އެމެރިކާ ކަމަށާއި ގައުމުގެ ތަރައްގީއަށްޓަކައި ތާރީޚީ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ބައިޑެން ވިދާޅުވީ އެ ހުރިހާ މަސައްކަތެއް ވެސް ކުރެވުނީ އެމެރިކާގެ ރައްޔިތުންގެ އެހީއާއެކު ކަމަށާއި، ކޮވިޑް ބަލިމަޑުކަމާއި އިގުތިސާދީ ކާރީސާއަކުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ގައުމުގެ ރައްޔިތުންނާއެކު ޑިމޮކްރަސީ ރައްކާތެރިކޮށް ދަމަހައްޓަައި، އެހެން ގައުމުތަކާ ގުޅުން ބަދަހިކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ.

"އެމެރިކާގެ ރައްޔިތުންގެ ރައީސްގެ ގޮތުގައި ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު. އަދި އިތުރު ދައުރަކަށް ވާދަކުރަން އަޅުގަނޑު ކުރިން ގަސްތުކޮށްގެން ހުރި ނަމަވެސް، އަޅުގަނޑުގެ ޕާޓީ އާއި ގައުމަށް މިހާރު އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ރޭހުން ވަކިވެ، ދައުރު ނިމެންދެން ރައިސްކަމުގެ ޒިންމާތައް ފުރިހަމަ ކުރުމަށް ހުސްވުން ކަމަށް އަޅުގަނޑު ދެކެން،" ބައިޑެން ވިދާޅުވިއެވެ.

އެ ނިންމުމާ ބެހޭ އިތުރު ތަފުސީލު ގައުމާ މުހާތަބު ކުރައްވައި ފަހުން ދެއްވާނެ ކަމަށް ވެސް ސިޓީގައިވެެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަން ފެށުމުގެ ކުރިން ވެސް، 81 އަހަރުގެ ބައިޑެންގެ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. އަދި މިދިޔަ މަހު އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ބައިވެރިވެވަޑައިގެންނެވި ރިޔާސީ ބަހުސްއިން ބައިޑެންގެ ބަލިކަށިކަން ފެންނަ ކަމަށް ބުނެ ޕާޓީގެ ތެރެއިން ފާޑުކިޔުންތައް އިތުރުވިއެވެ.

އެއަށްފަހު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވަނީ ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް އެދިފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެ މީޑިއާތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް