އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ހެރިސް: އެލަން ލިޗްމަން

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ޑިމޮކްރެޓްސް އިން ވާދަކުރައްވާ އަދި މިހާރުގެ ނާއިބު ރައީސް ކަމަލަ ހެރިސް ކަމަށް އެމެރިކާގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅަކު ވަނީ ލަފާކޮށްފައި. ފޮޓޯ/ޔޫއެސްއޭޓޫޑޭ

އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ވެރިކަންކުރާ ޑިމްރެޓިކް ޕާޓީން ވާދަކުރައްވާ ކަމަލަ ހެރިސް ކަމަށް ތާރީޚް އިލްމުވެރިޔާ އެލަން ލިޗްމެން ލަފާކޮށްފިއެވެ.

ލިޗްމެން އަކީ އެމެރިކާގައި މިހާތަނަށް ބޭއްވި 10 ރިޔާސީ އިންތިޚާބުގެ ތެރެއިން ނުވަ އިންތިޚާބު ކާމިޔާބު ކުރައްވާނެ ބޭފުޅުން ރަނގަޅަށް ލަފާކުރި އެމެރިކާގެ ތާރީޚް ދިރާސާކުރާ މީހެކެވެ.

ލިޗްމަން އެގޮތަށް ލަފާކޮށް ނެރެފައިވާ ވީޑިއޯއެއް ދަ ނިއު ޔޯކް ޓައިމްސް އިން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނީ އެގޮތަށް ލަފާކުރީ މައިގަނޑު 13 ކަމެއްގެ މައްޗަށް ބަލާފައި ކަމަށެވެ.

އެއީ ޑިމެކޮރްޓިކް ޕާޓީއަށް ހައުސްގެ ގޮނޑިތައް މެދު ދައުރުގެ އިންތިޚާބުގައި ލިބުމާއި، މިހާރު ވެސް ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ރައީސްގެ މަގާމަށް ވާދަކުރެއްވުމާއި، ޑިމޮކްރެޓުން ޕްރައިމަރީ ނުބޭއްވުމާއި، މައިގަނޑު ދެ ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު ކެންޑިޑޭޓުން ވެސް އިންތިޚާބުގައި ވާދަކުރެއްވުމެވެ.

އަދި ކުރު މުއްދަތެއްގައި ވަރުގަދަ އިގްތިސާދެއް އޮތުމާއި، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން މިދިޔަ ދެ ދައުރުގައި ވެސް ރަނގަޅުވުމާއި، ޑިމޮކްރެޓިކް ޕާޓީން ގައުމީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.

މީގެ އިތުރުން އެ ދައުރުގެ ތެރޭގައި ދެމެހެއްޓެނިވި އިޖުތިމާއީ ހަމަޖެހުމެއް އޮތުމާއި، ދެ ޕާޓީގައި ވެސް ހަމަޖެހުން އޮތުމާއި، ވާދަކުރައްވާ ކެންޑިޑޭޓްގެ މާ ބޮޑު މަގުބޫލުކަމެއް ނެތުމާއި، މިހާރުގެ ހުންނެވި ރައީސްގެ މަގުބޫލުކަން އޮތުމުގެ އިތުރުން ޚާރިޖީ ސިޔާސަތުތައް ކަނޑައެޅުމުގައި ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ލިބުމުގެ އިތުރުން ނާކާމިޔާބު ލިބުން ވެސް ހިމެނެއެވެ.

އެ ކަންތައްތަކުގެ ތެރެއިން އަށް ކަމެއް ހެރިސްއާ އެއްކޮޅަށް އޮތްއިރު އަނެއް ތިން ކަމަކީ ޓްރަމްޕާ އެއްކޮޅަށް ހުރި ކަންތައްތަކެވެ.

"ޚާރިޖީ ސިޔާސަތަކީ އުނދަގޫ ސިޔާސަތެއް،" އެ ވީޑިއޯގައި ލިޗްމަން ބުނެއެވެ.

"ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ބައިޑަންގެ ވެރިކަމުގައި ވަރަށް ބޮޑަށް އިންވެސްޓްކޮށްފައިވާއިރު، މިއީ ނިމުމެއް ނެތް އިންސާނީ ކާރިސާއެއް. ނަމަވެސް ޚާރިޖީ ސިޔާސަތު ހެރިސްއަށް ނެގެޓިވްކޮށް ނެގި ނަމަވެސް ހެރިސް އާ ދެކޮޅަށް އޮންނާނީ އެންމެ ފަސް ކަމެކޭ. އެއީ ޑޮނަލްޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފުދޭވަރެއް ނޫން،" އޭނާ ބުންޏެވެ.

އެކަމުގެ ސަބަބުން ހެރިސްއަށް ވައިޓް ހައުސް ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިޗްމަން ވަނީ 2000 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ޖޯޖް ޑަބްލިއު ބުޝް ކާމިޔާބު ކުރެއްވި އިންތިޚާބު ފިޔަވައި މިދިޔަ ބައިގަރުނުގެ ތެރޭގައި ގާތްގަނޑަކަށް ކޮންމެ އިންތިޚާބެއްގެ ނަތީޖާ ރަނގަޅަށް ލަފާކޮށްފައެވެ. އެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރެއްވީ އަލް ގޯއެވެ.

އެލަން ލިޗްމެން އަކީ ކާކު؟

ވޮޝިންޓަން ޑީ.ސީ.ގައި ހުންނަ އެމެރިކަން ޔުނިވާސިޓީން "ޑިސްޓިންގިޝްޑް ޕްރޮފެސާ" ގެ ލަގަބު ލިބުމުގެ ކުރިން ލިޗްމަން ވަނީ ޕީއެޗްޑީ ހާސިލް ކޮށްފައެެވެ. ހާވަޑްގައި އެމެރިކާގެ ޒަމާނީ ތާރީޚާއި ކުއަންޓިޓޭޓިވް މެތޯޑްސް އަށް ޚާއްސަވެފައެވެ.

އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައި ދިނުމުގެ އިތުރުން ލިޗްމަން އަކީ 13 ފޮތާއި އެތައް ސަތޭކަ އެކަޑަމިކް އާޓިކަލްތަކެއް ލިޔެފައިވާ މީހެކެވެ. އަދި މަދަނީ މައްސަލަތަކާއި ވޯޓުލުމުގެ ހައްގުގެ މައްސަލަތަކުގައި ވެސް ތަޖުރިބާކާރު މީހެކެވެ.

އާންމުކޮށް ސިޔާސީ ކަންކަމުގައި ވާހަކަ ދައްކަވާ، ލިންޗްމެން އެންމެ ބޮޑަށް މަޝްހޫރުވެވަޑައިގެންފައި ވަނީ އިންތިޚާބުތަކުގައި ކާމިޔާބު ކުރައްވާ މީހުން ލަފާކުރާ ބޭފުޅެއްގެ ގޮތުގައެވެ.

comment ކޮމެންޓް