އަޒަރުބައިޖާންގެ ބޯޓެއް ބުދަ ދުވަހު ކަޒަކިސްތާނަށް ވެއްޓުނީ ރަޝިޔާގެ މިސައިލަކުން ޖެހިގެން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އަޒެރީ ސަރުކާރުގެ މަތީ ފެންވަރުގެ މަސްދަރަކުން އޭބީސީ ނޫހަށް ބުނީ، ޕެސެންޖަރު ބޯޓު ވެއްޓެން މެދުވެރިވީ ރަޝިއާގެ ޕަންސިރް-އެސް1 ސިސްޓަމަކުން ފޮނުވި ސަރަހައްދީ ވައިގެ މިސައިލަކުން ކަމަށް ބެލެވޭ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރަޝިޔާއިން ހަގީގަތުގައި ވެސް އަޒަރުބައިޖާންގެ މަތިންދާބޯޓަށް ހަމަލާދިން ނަމަ، އެއީ ޔޫކްރޭނާ އެކު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ފަރުވާކުޑަކަމުގެ އިތުރު މިސާލަކަށް ވާނެ ކަމަށެވެ.
އަލް ޖަޒީރާއިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިލިމިނަރީ ރިޕޯޓްތަކަށް ބަލާއިރު، ގްރޮޒްނީގައި ވަރަށް ބޮޑަށް ދުން ފިނި އުފެދިފައި ހުރުމުގެ ސަބަބުން އެކްސިޑެންޓްގެ ކުރިން އެހެން އެއާޕޯޓަކަށް ބޯޓު ޖެއްސުމަށް އެ ބޯޓުން އެދުނެވެ.

ބޯޓަށް ލިބިފައިވާ ގެއްލުން. އެ ހާދިސާގައި ބޯޓުން ދަތުރުކުުރި 69 މީހުންގެ ތެރެއިން 38 މީހުން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް
ރަޝިއާގެ ވައިގެދަތުރުފުރުގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން ނެރުނު ބަޔާނެއްގައި ކުރިން ވަނީ، ބޯޓުގެ ބުރަފަތީގައި ދޫންޏެއް ޖެހުމުން އިމަޖެންސީކޮށް ޖައްސަން ޕައިލެޓް މަސައްކަތް ކުރި ކަމަށް ދޭހަވާ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައެވެ.
ބޯޓު ވެއްޓުމުގެ ހާދިސާގައި މިހާތަނަށް 38 މީހުން މަރުވެ، 29 މީހުން ވަނީ ޒަޚަމުވެފައިވެއެވެ. ބޯޓު ވެއްޓުނީ ބުދަ ދުވަހުގެ ހެނދުނު ކަޒަކިސްތާނުގެ އަކްތައު އެއާޕޯޓް ކައިރިއަށެވެ.
ޒަޚަމުވި 29 ފަސިންޖަރުން ފުރަތަމަ ގެންދިޔައީ އަކްތައުގެ ރީޖަނަލް ހޮސްޕިޓަލަށް ކަމަށާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ދެން ތިބި މީހުން ވަނީ އިތުރު ފަރުވާއަށް އެ މީހުންގެ ގައުމުތަކަށް ބަދަލުކޮށްފައެވެ.
އެމްބްރޭއާ 190 މަތިންދާބޯޓު ވެއްޓުނީ އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ސިޓީއެއް ކަމަށްވާ ގްރޮޒްނީއަށް ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓު ވެއްޓުނުއިރު 69 ފަސިންޖަރުންނާއި ފަސް ފަޅުވެރިން ބޯޓުގައި ތިއްބެވެ. އޭގެ ތެރޭގައި އަޒަރުބައިޖާންގެ 37 ފަސިންޖަރުންނާއި، ކަޒަކިސްތާނުގެ ހަ ފަސިންޖަރުން، ކްރުގިސްތާނުގެ ތިން ފަސިންޖަރުން އަދި ރަޝިއާގެ 16 ފަސިންޖަރުން ހިމެނޭ ކަމަށް ކަޒަކިސްތާނުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒަރުބައިޖާނުގެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.