ޓެލްއަވީވު (28 ނޮވެންބަރު 2024) : ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ހަނގުރާމައާއެކު ވެސް އިސްރާއީލަށް ބޭނުންވާ ތާއީދާއި ސަޕޯޓް ބައެއް އަރަބި ގައުމުތަކުން ލިބޭކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ބުނެފިއެވެ.
އިސްރާއީލުގެ ޓިވީ ނެޓްވޯކެއް ކަމަށްވާ ޗެނެލް -14 އަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނި ގޮތުގައި އިސްރާއީލަށް ބޭނުންވާ ތާއީދާއި ސްޕޯޓް ދިނުމުގައި ގިނަ އަރަބި ގައުމުތައް ތިބީ އެމެރިކާ އާ ދާދިއެއް ގޮތެއްގައެވެ. މިހާތަނަށް އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިނުވާ އަރަބި ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތައް ޣައްޒާގެ ހަނގުރާމައަށްފަހު އިސްރާއީލާ ގުޅުންތައް ގާއިމް ކުރާނެކަމުގެ އުންމީދު އެބައޮތްކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.
އިސްރާއީލަށް ބޭނުންވާ ތާއީދާއި ސަޕޯޓް ދިނުމުގައި ބައެއް އަރަބި ގައުމުތައް ތިބީ އެމެރިކާއާ އެއްހަމައެއްގައި ކަމަށް ނަތަންޔާހޫ ބުނިއިރު އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށްފަހު ސައޫދީއާއި އިސްރާއީލާ ދެމެދު ގުޅުންތައް ގާއިމް ކުރުމުގެ މަޝްރޫއެއް ކުރިޔަށްގެންދާނެކަމުގެ ޚަބަރުތަކެއް ވަނީ ދާދިފަހުން ފެންމަތިވެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސައިގެން ވެސް މަރަނީ
މި މަޝްރޫއު ކުރިޔަށް ގެންދަން ރާވާފައިވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުން ވެސް ހިމެނޭގޮތަށް ކަމަށްވެއެވެ. މަޝްރޫއުގެ ދަށުން ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި އިސްރާއީލަށް އިއުތިރާފްވާނެކަމަށް ޓްރަމްޕްގެ އަރިސް ބައެއް ފަރާތްތަކާ ހަވާލާދީ އެމެރިކާގައި ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.
މި ޚަބަރާ ބެހޭގޮތުން ސައޫދީ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް ކުރިން ސައޫދީ މަސްއޫލުވެރިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލު އެއްބަސް ނުވަނީސް އިސްރާއީލާ ގުޅުންތައް ގާއިމްނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލަށް ބޭނުންވާ ތާއީދާއި ސަޕޯޓް ދިނުމުގައި ބައެއް އަރަބި ގައުމުތައް ތިބީ އެމެރިކާއާ އެއްހަމައެއްގައި ކަމަށް ނަތަންޔާހޫ ބުނެފައިވަނީ ޣައްޒާގެ އުތުރުގެ ޖަބާލިޔާ ސަރަހައްދުގައިވާ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދަވާން ހޮސްޕިޓަލްގައި އިސްރާއީލުން އިއްޔެ ހުޅުޖަހައި އަންދާލުމަށްފަހު ދިން ބަޔާނެއްގައެވެ.
އިސްރާއީލުން ޣައްޒާގެ ކަމާލް އަދަވާން ހޮސްޕިޓަލްގައި ހުޅުޖަހައި އަންދާލާފައިވަނީ ފާއިތުވި ދެމަސްތެރޭގައި އެ ހޮސްޕިޓަލަށް އެތައް ފަހަރަކު ހަމަލާތައްދީ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހުގައެވެ.
އިސްރާއީލުން ކަމާލް އަދަވާން ހޮސްޕިޓަލްގައި ހުޅުޖަހައި އަންދާލުމަށްފަހު އިސްރާއީލު ސިފައިންވަނީ އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން އަދި ބަލިމީހުންނާއި އިދާރީ މީހުންގެ ތެރެއިން ވެސް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ސަރުކާރު ބުނާގޮތުން އިސްރާއީލުން ކަމާލް އަދަވާން ހޮސްޕިޓަލްގައި ހުޅުޖަހައި އަންދާލާފައިވަނީ ބައެއް ޑޮކްޓާރުންނާއި ނަރުހުންނާއި ބަލިމީހުން ވެސް އެތާނގައި ތިއްބައެވެ. އެހެންކަމުން އެޖަރީމާގައި އިސްރާއީލުވަނީ އެ ހޮސްޕިޓަލުގައި ތިބި ފަލަސްތީނުގެ ފަސް މީހަކު ދިރިތިއްބައި ވަނީ އަންދާލާފައި ކަމަށާއި އެނޫން މީހުންވަނީ ހައްޔަރުކޮށްފައި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާ ބުނެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް
އިސްރާއީލުގެ އަނިޔާވެރިކަމުން ސަލަމާތްވެފައިވަނީ ކަމާލް އަދަވާން ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނާ އަދި ބަލިމީހުންގެ ތެރެއިން ވަރަށް މަދުބައެކެވެ. އެ ހޮސްޕިޓަލުން ނުކުތް ބަލި މީހުން މިހާރު ގެންދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ.
ވަރަށް މަދު އަރަބި ގައުމަކުން ނޫނީ އިސްރާއީލުގެ މި ޖަރީމާ ކުށްވެރިކޮށްފައެއް ނުވެއެވެ. ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ މައިދާން ނޫންކަމަށް ބުނުން ފިޔަވައި އެހެން އެއްޗެއް މިކަމާބެހޭގޮތުން އެމެރިކާ ބުނެފައެއް ނުވެއެވެ. ދެން އެމެރިކާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުތަކުގެ ޒިންމާ އުފުލަންޖެހޭނީ ހަމާސް ޖަމާއަތުން ކަމުގައެވެ. އެއީ ހަމާސްއިން އިސްރާއީލާ ދެކޮޅަށް ތެދުވެ ހަމަލާތައް ދޭތީކަމަށް ވެސް ބުނެފައިވެއެވެ.
އިސްރާއީލު ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭއިރު އެކަމާ ދެކޮޅަށް ތެދުވެ އިސްރާއީލަށް ހަމަލާދީ މިނިވަންކަމުގެ ޖިހާދު ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުގައި ފަލަސްތީނަށް ލިބިދީފައިވާ ހައްގެކެވެ.
ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ޔަހޫދީ ޓެރަރިޒަމަށް ވާގިވެރިވާ ހުޅަނގުގެ ބާރުތަކުން ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ސިފަކުރަނީ ޓެރަރިޒަމްގެ އަމުލުތަކެއްގެ ގޮތުގައެވެ. އެ ގައުމުތައް ދެކޭގޮތުގައި ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލަށް އަމާންކަމުގައި އޮވެވެން ޖެހޭނެއެވެ.
ނަމަވެސް މިއާ ޚިލާފަށް ޔުކްރެއިންގެ ބިންތައް ހިފައިގެން ރަޝިއާއަށް އަމާންކަމުގައި އޮވެވިގެން ނުވާނެކަމަށް ހުޅަނގުގެ ބާރުތައް ދެކެއެވެ. ރަޝިއާއަށް ހަމަލާދިނުމުގެ ހައްގު ޔުކްރެއިން އަށް އޮންނާނެކަމަށް ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ދެކެއެވެ.
ޣައްޒާގެ ކަމާލް އަދަވާން ހޮސްޕިޓަލް އަންދާލުމުގެ ކުރިން އިސްރާއީލުވަނީ ޣައްޒާގެ އެނޫން ހޮސްޕިޓަލްތައް ވެސް ބޮންއަޅައި ފުނޑާލާފައެވެ. އަދި އިސްރާއީލު ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ 140 ވަރަކަށް ޑޮކްޓަރުންނާއި 30 އަށް ވުރެގިނަ ނަރުހުން ޝަހީދުކޮށްލާފައެވެ.
މީގެއިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް ކޮންމެ ދުވަހަކު ބޮންއަޅައި ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންނާ ދެކޮޅަށް ބިރުވެރި ގަތުލުއާންމުތައް ހިންގައި 70 އިން 80 އިން މީހުން މަރަމުންނެވެ. މިއަދު ވެސް އިސްރާއީލުން ޣައްޒާގެ އުތުރަށް ހަމަލާދީ 58 މީހަކު ޝަހީދުކޮށްލާފައިވެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކުގައި މިހާތަނަށް 45،000 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށް ދޮޅު ލައްކައެއްހާ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.