އެޑިޓާސް ޓޯކް: ޖަލުގައި މީހަކު މަރުވީމާ ޒިންމާ ނަގާނީ ކާކު؟

މި ހަފުތާގެ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި އަލިއަޅުވައިލީ ޖަލުގައި ތިބޭ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުންނެވެ. މި ހަފުތާގައި ވެސް ގިނަ ކަންތައްތަކެއް ހިނގިއެވެ.

އެކަމަކު، އެންމެ ގިނަ ބަޔަކު އެ ކަމެއްގައި ނުރުހުންވެ، ހިޔާލުފާޅުކުރި އެއް ކަމަކީ ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހުނު އާދަމް އަތުހަރުގެ މަރުގެ މައްސަލައެވެ. ފުލުހުންގެ އިހުމާލެއް އެކަމުގައި އޮތްތޯ މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ރަހީނުކުރި މައްސަލައިގައި އަތުހަރު ބަންދުކޮށްފައި ހުރީ ޖަލުގައެވެ. އެކަމަކު، އޭނާ ޖަލުގައި ދަންޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް އަތުހަރު ވަނީ މަރުވެފައެވެ.

https://sun.mv/196299

އެހެންވެ، ފުލުހުން ވަނީ އަތުހަރުގެ ޕޯސްމޯޓަމްއެއް ހަދަން ނިންމައިފައެވެ.

ޕޮޑްކާސްޓު ފައްޓަވަމުން ސަންގެ މަލްޓިމީޑިއާ އެޑިޓަރު މުޙައްމަދު ނާއިލް ހަފީޒް ވަނީ ޖަލުގައި އަތުހަރުގެ ހަރަކާތްތައް ހުރި ގޮތް ފެނުނު މީހެއްގެ ހައިސިއްޔަތުން، ފުލުހުން ދެއްކި ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ކަންކަން އެހުންތެރިންނާ ހިއްސާކޮށްފައެވެ.

އެގޮތުން، ނާއިލް ވިދާޅުވީ އަތުހަރު ގޮޅީގައި އުޅުނު އުޅުމުގައި ޖިސްމާނީ އަނިޔާއެއް ތަހަންމަލުކުރި ކަމަށް ފެންނަން ނެތް ކަމަށާއި އެކަމަކު، އޭނާ ޖަލުގެ ތޭރިތައް ކައިރީ އަމިއްލައަށް މަރުވާން މަސައްކަތްކުރިއިރު ފުލުހުންނަށް އެކަން ނޭނގޭ ކަމަށެވެ. ފުލުހުންނަށް އަތުހަރު ކައިރިއަށް ދެވުނީ އަތުހަރުގެ ޚަބަރު ހުސްވިތާ 29 މިނެޓު ފަހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން އެއަށް ވުރެ ރަނގަޅަށް މެނޭޖުކުރެވެން ޖެހޭނެ ކަމަށެވެ.

އެގޮތުން، މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި ކުޅުދުއްފުށީ ސިޓީގައި ހުއްޓާ އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވި ހާދިސާއާއި އޭގެ ފަހުން ޖަލުގައި ހުއްޓާ މުހައްމަދު ޖަމީލް މަރުވި މައްސަލަ ސާއިލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދެ ހާދިސާއަށް ފަހުގައި ވެސް އުސޫލުތައް ހަރުދަނާކުރާނެ ކަމަށް ފުލުހުން ބުނި ކަމަށާއި އެހެންނަމަވެސް އަތުހަރުގެ މައްސަލައިގައި ވެސް ފެނުނީ ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ނުކުރެވި ހުރި މަންޒަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕޮޑްކާސްޓްގައި ދެން ބައިވެވިރިވި ސަންގެ ޕޮލިޓިކަލް އެފެއާޒް އެޑިޓަރު އަހުމަދު އިނާޙު ވިދާޅުވީ، ދަންޖެހުމަށް ފަހުގައި ބައިގަޑިއިރު ވަންދެން އަތުހަރު އޭނާގެ ހާލައިގެން ދޫކޮށްލާފައި އޮތުމަކީ ފުލުހުން އެ ކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް 24 ގަޑިއިރު ގައިދީން މޮނިޓާ ކުރާ ކަމަށާއި ޚާއްސަކޮށް ހައި-ރިސްކް ގައިދީންނަށް ފަސޭހައިން ފަރުވާ ދެވެންވާނެ ކަމަށް އިނާހު ވިދާޅުވިއެވެ. އެގޮތުން، ޖަލު އޮފިސަރުންނަށް މެންޓަލް ހެލްތު ކްރައިސިސްތައް މެނޭޖުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ ވަނީ އަލިއަޅުވައިލައިފައެވެ.

މުޅި ޕޮޑްކާސްޓް އަޑު އައްސަވާލައްވައިށެވެ.

comment ކޮމެންޓް