އިސްރާއީލުގެ ޖާސޫސީ އިދާރާގެ މާލީ އިސްވެރިޔާ ތުރުކީގައި ހައްޔަރުކޮށްފި

ތުރުކީން އަތުލައިގަތް އިސްރާއީލުގެ ޖާސޫސީ އިސްވެރިޔާ ލިޔުރިދޮން ރޮކްސިބީ

އަންކަރާ (4 ސެޕްޓެމްބަރު 2024): އިސްރާއީލުގެ ބޭރުގެ ކަންކަމާބެހޭ ޖާސޫސީ އިދާރާ މޫސާދުގެ މާލީ ކަންކަމާބެހޭ ވެރިޔާ ލިޔުރިދޮން ރޮކްސިބީ ތުރުކީގައި އުޅެނިކޮށް އަތުލައިގެންފިއެވެ.

ތުރުކީގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާ ބުނާގޮތުން މޫސާދުގެ މާލީ ވެރިޔާ އަތުލައިގަތުމަށް ފަހު މިހާރުވަނީ ޖަލުގައި ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޖާސޫސު ކުރުމަށް ވާގިވެރިވުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ފަންޑުކުރުން ހިމެނެއެވެ.

ތުރުކީގެ ޖާސޫސީ އިދާރާ "އެންއައިއޯ"އާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާގޮތުން އިސްރާއީލުގެ ޖާސޫސީ މަސްއޫލުވެރިޔާ ރޮކްސިބީ ހައްޔަރުކުރުމާ ހަމައަށްދިޔައީ އޭނާގެ އަމަލުތަކާއި ހަރަކާތްތަކަށް އެތައް ދުވަހެއް ވަންދެން ފާރަލުމަށް ފަހުގައެވެ.

ރޮކްސިބީގެ އަމަލުތަކުގެ ތެރޭގައި ތުރުކީއާއި ތުރުކީގެ އަވައްޓެރި ބައެއް ގައުމުތަކުގައި އުޅޭ މޫސާދުގެ ޓެރަރިސްޓުން ހިންގާ އަމަލުތަކަށް ފަންޑުކުރުމާއި އެ މީހުންނަށް އިރުޝާދުދިނުން ހިމެނޭ ކަމަށްވެއެވެ.

ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިކަމުގައި ދިގުމުއްދަތެއް ހޭދަ ކުރެއްވި އެގައުމުގެ މިހާރުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން

ތުރުކީގެ ފުލުހުން އެންމެ ފުރަތަމަ މިދިޔަ ހަފުތާގެ ކުރީކޮޅު ރޮކްސިބީ ހައްޔަރުކުރުމަށް ފަހު އޭނާ ވަގުތީގޮތުން މިނިވަންކުރީއެވެ. އެއަށް ފަހު ދެވަނަ ފަހަރަށް ހައްޔަރުކުރީ އޭނާގެ އަމަލުތަކަށް ފާރަލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ތުރުކީ ފުލުހުން ބުނާގޮތުން ރޮކްސިބީ ހައްޔަރުކޮށް ޖަލަށްލީ އޭނާއަކީ ތުރުކީގެ މުޖުތަމައަށް ނުރައްކާތެރި އަމަލުތަކެއް ހިންގާ މީހެއްކަން ޔަގީންވުމުންނެވެ. ތުރުކީގައި އުޅޭނެކަމަށް ބެލެވޭ އިސްރާއީލުގެ ޖާސޫސުން ރޮކްސިބީ މެދުވެރިކޮށް ދެނެގަނެ އެ މީހުން ހައްޔަރުކުރެވޭނެކަމަށް ނަން ހާމަކުރަން ނޭދޭ ތުރުކީގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ތުރުކީގެ މުއައްސަސާތައް ގުޅިގެން މިހާރުވަނީ އިސްރާއީލުގެ ޖާސޫސުންނަށް ތުރުކީ ދޫކޮށް ފިލައިގެން ނުދެވޭނެ ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ޔަހޫދީ ޖާސޫސީ އިދާރާ މޫސާދުގެ މާލީ ކަންކަމާބެހޭ ވެރިޔާ ތުރުކީގައި ހައްޔަރުކޮށްފައިވަނީ ތުރުކީގައި ދިރިއުޅޭ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ބައެއް ލީޑަރުންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެ ނޫން ޖަމާއަތްތަކުގެ ލީޑަރުންނަށް އިސްރާއީލުން މަރުގެ އިންޒާރު ދީފައިވަނިކޮށެވެ.

ޚާއްސަކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްހާގް ކާޓްސް ވަނީ ތުރުކީގައި އުޅުއްވާ ހަމާސްގެ ކުރީގެ އިސްވެރިޔާ އަދި ހަމާސްގެ ޚާރިޖީ ކަންކަމާބެހޭ މިހާރުގެ ވެރިޔާ ޚާލިދު މިޝްއަލް އަވަހާރަކޮށްލާނެކަމުގެ އިންޒާރު މިދިޔަ ހަފުތާގައި ދީފައެވެ. ތުރުކީންވަނީ އިސްރާއީލުގެ މި އިންޒާރަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ސިފަކޮށްފައެވެ.

ކާޓްސް، މިޝްއަލަށް ދިން އިންޒާރަށް ފަހު ތުރުކީން ވަނީ އެ ގައުމުގައި އުޅޭ އިސްރާއީލުގެ ޖާސޫސުންނަށް ވަރަށް ބޮޑަށް ފަރަލާން ފަށާފައެވެ. އަދި، ތުރުކީގެ ދާޚިލީ ވަޒީރުވަނީ ތުރުކީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައިފިނަމަ އެކަމުގެ އުގޫބާތުން އިސްރާއީލަށް ސަލާމަތް ނުވެވޭނެކަމުގެ އިންޒާރު އިސްރާއީލަށް ދެއްވާފައެވެ.

ތުރުކީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް އެ ގައުމުން ބުނާ ކުރުދީ ޖަމާއަތްކަމަށްވާ ޕީކޭކޭއަށް އިސްރާއީލު ވާގިވެރިވާކަމަށް ތުރުކީން ތުހުމަތުކުރެއެވެ. އީރާނަކީ ވެސް ކުރުދީން ބައެއް ސަރަހައްދުތައް އޮންނަ ގައުމަކަށްވާއިރު އީރާނުގައި ވެސް ކުރުދީން ބަޣާވާތް ކުރެއެވެ.

އީރާން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ކުރުދީންނާ ގުޅިގެން އީރާނުގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން އިސްރާއީލު ރާވަނީ އިރާގުގެ އުތުރުގައިވާ ކުރުދީންގެ ސަރަހައްދުތަކުގައި ކަމަށް ބުނެ އީރާނުންވަނީ އެތައް ފަހަރަކު އިރާގުގެ ކުރުދީ ސަރަހައްދުތަކުގައިވާ އިސްރާއީލުގެ ޖާސޫސީ މަރުކަޒުތަކަށް ހަމަލާދީ އެ ތަންތަން ހަލާކުކޮށްލާފައެވެ.

comment ކޮމެންޓް