ހަތް ބޭފުޅަކަށް ޝަރަފުވެރިކަން، 10 ބޭފުޅަކަށް ގަައުމީ އިނާމް ދެއްވައިފި

1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ހުޅުމާލެ ފްލެޓް 02-3-7، މުހައްމަދު މާޖިދަށް ގައުމީ އިނާމް އަރުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަރުވައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުއްވައިފިއެވެ.

އެ މަނިކުފާނު، އެ ބޭބޭފުޅުންނަށް އެ ޝަރަފު އަރުއްވާފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި 1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ވަނީ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖު ދެއްވާފައެވެ. އަދި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހަތް ބޭފުޅުންނަކީ:

1. ދެމިހުންނެވި ޚާއްސަ ޚިދުމަތެއްކުރުމުގެ ދާއިރާ: ހ. ހާޖަރާގެ، އަލްމަހްރޫމް މުހައްމަދު ތައުފީގު

ތައުފީގަށް މި ޝަރަފު އަރުވާފައިވަނީ ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާ ގޮތް ފުރިހަމަކަމުނާއި ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުޤުވެރިކަން އިތުރުކުރެއްވުމަށް ތައުފީގު ކުރެއްވި ގައުމީ ޚިދުމަތަށްޓަކައެވެ.

ތައުފީގު އަވަހާރަވީ 1995 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާއަކީ މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ލަވަކިޔުންތެރިޔާ ޝިފާ ތައުފީގުގެ ބައްޕާފުޅެވެ.

2. ސިއްހީ ދާއިރާ: ވ. އަކީލާ، އަބްދުލްއަޒީޒް ޔޫސުފް

އޭނާއަކީ ސިއްހީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި، ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި އިޚުލާސްތެރިކަމާ އެކު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާ، މިހާރު ވެސް އެ ޚިދުމަތުގައި ދެމި ހުންނަވާ ބޭފުޅެކެވެ.

އަބްދުލްއަޒީޒް ވަނީ ސިއްހީ ދާއރާގެ އެކި ބޯޑުތަކުގައި މަސައްކަތްކުރައްވާ، އެ ދާއިރާއިން މީހުން ބިނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމުރީނުތައް ދެއްވާ، ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން ހިންގާ ނަރުހުން ތަމުރީނުކުރުމުގެ ކޯސްތަކުގައި ވެސް ކިޔަވާދެއްވާފައިވެއެވެ.

ހަމައެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ. މިހާރު ވެސް އޭނާ އަންނަނީ އެކި ކްލިނިކްތަކުގައި އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގައި ބަލި މީހުން ބައްލަވަމުންނެވެ.

ޕާފޯމިން އާޓްސްގެ ދާއިރާއިން އިނާމު ލިބިވަޑައިގެން ވ. ކަންދު، ހަސަން މަނިކު -- ފޮޓޯ/ ރައީސް އޮފީސް

3. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ: ހުޅުމާލެ ފްލެޓް 02-3-7، މުހައްމަދު މާޖިދު

އުމުރުން 15 އަހަރުގައި ވަޒީފާގެ މައިދާނަށް ނުކުންނެވި މާޖިދަކީ، ވިޔަފާރީގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. މިހާތަނަށް އެ މަސައްކަތުގައި އުޅުއްވިއިރު އެއްވެސް ލޯނެއް ވެސް ނުނަންގަވައި އެ މަސައްކަރުމުގައި ދެމިހުންނެވި ބޭފުޅެކެވެ.

އޭނާގެ ފަރާތުން އެ މަސައްކަތް ދަސްކުރެއްވި ވަރަށް ގިނަ ފަރާތްތައް ވަނީ ވިޔަފާރީގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ، ވިޔަފާރީގެ ދާއިރާއިން ކުރިއަށްގޮސްފައެވެ. އަދި، އޭނާއަކީ މިސްކިތްތަކުގެ މަސައްކަތާއި ސްކޫލު ކުދިންނަށް އެކި ޚިދުމަތްތައް ހިލޭ ސާބަހަށް ކޮށްދީފައިވާ ބޭފުޅެކެވެ.

https://sun.mv/196327

4. ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ: މ. ހުސްނޫ، މޫސާ ލަތީފް

މީގެ 35 އަހަރު ކުރިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުންނެވި މޫސަ ވަނީ "ހަވީރު" އާއި "މިހާރު" ނޫހުގައި އެޑިޓަރުކަން ކުރައްވާފައެވެ. އަދި، މިހާރު އޭނާއަކީ ދައުރު ނޫހުގެ އެޑިޓަރެވެ.

ހއ. ދިއްދޫއަށް އުފަން މޫސައަށް ވަނީ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2001ގައި ލިބިވަޑައިގެންފައެވެ. އަދި، ނޫސްވެރިކަމުގެ ރަން ޔޫބީލް އަހަރުގެ 'ރިހި' ގަލަމާއި، ނޫސްވެރިކަމުގެ 'އަލިމަސް ޔޫބީލް'ގެ އެވޯޑް ވަނީ ލިބިވަޑައިގެންފައެވެ.

5. ކުޅިވަރުގެ ދާއިރާ: މ. މެޓްރޯވިލާ، މުހައްމަދު ނާސިރު

ނާސިރަކީ ރާއްޖޭގައި ކުޅުނު ވަރަށް ގިނަ ކުޅިވަރުތަކުގައި ކުޅިވަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ބޭފުޅެކެވެ. އެގޮތުން ފުޓްބޯޅަ، ކްރިކެޓް، ޓީޓީ، ހޮކީ، ބެޑްމިންޓަން، އެތްލެޓިކްސް، ބާސްކެޓްބޯލް ފަދަ ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އަދި، ސަގާފީ ކުޅިވަރުތަކުގައި ވެސް ރަން ވަނަތަކެއް ހޯއްދަވާފައިވެއެވެ.

އޭނާ ވަނީ ފުޓްބޯޅައިގެ ރެފްރީކަން ވެސް ގިނަ އަހަރުތަކެއްގައި ކުރައްވާފައިވެއެވެ.

މިއަދު އިނާމު ލިބިވަޑައިގެން ބޭފުޅުންނަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

6. ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާ: ވ. ރޭދުވާ، އަހްމަދު މުހައްމަދު

އޭނާއަކީ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ކުޅިވަރުގެ މައިދާނުގައި އޭނާ މަޝްހޫރީ ދޮނާގެ ނަމުންނެވެ. އޭނާ ވަނީ ރާއްޖޭގެ މަޝްހޫރި ކްލަބެއް ކަމަށްވާ ވެލެންސިއާ އުފެއްދުމުގައި ވެސް މަސައްކަތްކުރައްވާފައެވެ.

އެ ކްލަބް ވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައި ވެސް ރަން ވަނަތަކެއް ހޯއްދަވާފައިވާ ކްލަބެކެވެ. އެ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ ދޮނާއެވެ.

7. ޕާފޯމިން އާޓްސްގެ ދާއިރާ: ވ. ކަންދު، ހަސަން މަނިކު (ރޯނުގޭ ހަސަން މަނިކު)

އޭނާއަކީ ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު މޫނެކެވެ. އަދި ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ގުލްޝަނުގައި ވެސް ވިދާ ތަރިއެކެވެ. ޕާފޯމިން އާޓްސްގެ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ހާސިލުކުރައްވާފައިވުމުގެ އިތުރުން ފިލްމީ ދާއިރާއިން ހަޔާާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ވެސް އޭނާ ހާސިލުކުރައްވާފައިވެއެވެ.

1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ސިއްހީ ދާއިރާއިން ވ. އަކީލާ، އަބްދުލްއަޒީޒް ޔޫސުފަށް ގައުމީ އިނާމް އަރުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 10 ބޭފުޅުންނާއި ކުންފުންޏަކީ:

  1. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ
  2. ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން; ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި
  3. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް ޢިއްޒައްދީން ޢަދުނާން، ދަފްތަރު ނަންބަރު ރސ 12132
  4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން; ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ
  5. ތަޢުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
  6. މަސްވެރިކަމުގެ ދާއިރާއިން; ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު ، ވާކަރުގެ،ގއ. ވިލިނގިލި
  7. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
  8. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން; އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފުކޮށް، ތަރައްޤީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް
  9. ބޯޓް ބިލްޑިންގގެ ދާއިރާއިން; އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: ޢަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި
  10. ކަލިނަރީ އާރޓްސްގެ ދާއިރާއިން; މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ
  11. ޒުވާނުންގެ ދާއިރާއިން; ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙުސައިން ޢަލީ، ނޫރާނީމާގެ، ނ. ހެނބަދޫ

މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

comment ކޮމެންޓް