ފުއާދުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރުކަމަށް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ، އީސީގެ މެމްބަރުކަމަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، އެ ކޮމިޝަންގެ މެންބަރެއްގެ މުއްދަތު ހަމަވާތީ، ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ނިންމާފައި ވާކަމަށެވެ. އެގޮތުން، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 23ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އީސީގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • މުސްލިމަކު ކަމުގައިވުން،

  • ދިވެހި ރައްޔިތަކު ކަމުގައިވުން؛

  • އުމުރުން 25 އަހަރު ވެފައިވުން؛

  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

  • ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

  • ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛

  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން

  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން

މި ޝަރުތުތައް ފުރިހަމަވެ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މީހުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔެލިޔުންތައް ރައީސް އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

  • މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

  • ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު (އިޢުލާން ކުރި ތާރީހަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)

  • ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

  • ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

މި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30އިން މެންދުރު 12:00އަށް ރައީސް އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އީސީގެ ރައީސްކަން ކުރައްވާ ފުއާދު މިހާރު އަދާކުރައްވަނީ އޭނާގެ ދެވަނަ ދައުރެވެ. މި ދައުރު ހަމަވާނީ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް