ހުކުރު ނަމާދު ކުރުމަށް މުސްލިމުންނަށް ފުރުސަތު ދިނުމުގެ ގޮތުން އިންޑިއާގެ ހިންދޫ ދީނަށް ތަބާވާ މީހުން ފާހަގަކުރާ ހޯލީ ފާހަގަކުރުން ދެ ގަޑިއިރަށް މެދުކަނޑާލުމަށް އެ ގައުމުގެ ބިހާރު ސިޓީ އަންހެން މޭޔަރަކު މިއަދު އެދިއްޖެއެވެ.
އެ ކަމާ ގުޅިގެން އެ ސިޓީގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.
ނިތިޝް ކުމާރުގެ ޖޭޑީޔޫ ޕާޓީއާ ގުޅުން ހުރި ދަރުބާންގާގެ މޭޔަރު އަންޖުމް އާރާ ވަނީ މިއަދުގެ މެންދުރު 12:30 އާއި މެންދުރު ފަހު 2 އާ ދެމެދު ހޯލީ ފާހަގަކުރުން ހުއްޓާލުމަށް އަންގާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
"އެއްވެސް އުނދަގުލަކާ ނުލައި ހުކުރު ނަމާދު ކުރެވޭނެ ގޮތަށް ދެ ގަޑިއިރު ވަންދެން ހޯލީ ފާހަގަކުރުން ހުއްޓާލަން ޖެހޭ،" ނަމަވެސް، ހުކުރު ނަމާދު ކުރާ ވަގުތު ދެ ގަޑިއިރަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް މޭޔަރު ވަނީ ބުނެފައިވެއެވެ.
މި ދުވަސްވަރު ހޯލީ ބާއްވާ މީހުން މިސްކިތްތަކާއި ނުވަތަ ނަމާދުކުރާ ތަންތަނާއި ދުރުހެލިވުމަށް ވެސް މޭޔަރު އެދިފައިވެއެވެ.
މޭޔަރުގެ ބަޔާން ސޯޝަލް މީޑިއާގައި އާންމުވުމާއެކު ޖޭޑީޔޫގެ މިނިސްޓަރު އަޝޯކް ކުމާރު ޗޯދަރީ ވަނީ މޭޔަރު ޕާޓީން ވަކި ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ބީޖޭޕީގެ މެންބަރު ހަރީބޫޝަން ޓާކޫރު ބަޗައުލް ވެސް ވަނީ މޭޔަރު އަންޖުމް އަކީ ޓެރަރިސްޓް ވިސްނުމެއް ގެންގުޅޭ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ.
ދަރުބާންގާ ޓައުންގެ ބީޖޭޕީގެ މެންބަރު ސަންޖޭ ސަރައޯގީ ވެސް ވަނީ މިފަދަ ޝުއޫރުތަކެއް ފާޅުކޮށް ނެރުނު މޭޔަރުގެ ބަޔާނަކީ ބަލައިގަނެވޭނެ ބަޔާނެއް ނޫން ކަމަށް ބުނެފައެވެ.
މި ފަހަކަށް އައިސް އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކާއި ވާހަކަތައް އިތުރުވެފައި ވިޔަސް މިދިޔަ އަހަރަކީ އެފަދަ ކަންކަން ވަކިން ބޮޑަށް އިތުރުވި އަހަރެއް ކަމަށް އެމެރިކާގެ ތިންކް ޓޭންކް، އިންޑިއާ ހޭޓް ލެބްއިން މިދިޔަ މަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.
އިންޑިއާގައި މުސްލިމުންގެ އާބާދީ 220 މިލިއަނަށް އަރައެވެ.