އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓްރު ޑރ. އަބްދުﷲ ޚަލީލް މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލް ކުރައްވަނީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
އެ ފޯރަމްގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި އޭނާ ވާހަކަ ދައްކަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްވަރާގައި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ނާޒުކު މައްސަލަތަކާ ބެހޭގޮތުން ޚަލީލް ވާހަކަ ދައްކަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ރައިސީނާ ޑައިލޮގްއަކީ އިންޑިއާގައި ހިންގާ ތިންކްޓޭންކްއެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ އެންމެ މަތީ ފަންތީގެ ފޯރަމެވެ.
އެ ފޯރަމްގެ ހަވާސާގައި ޚަލީލު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވާނެކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއެކު ވެސް ބައްދަލުވުންތައް ބާއްވަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ސުޒިލްއާއި ޑިރެކްޓަރު ޢާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޚަލީލް އިންޑިއާއަށް ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ މި އަހަރު ފެށުމާއެކުގައެވެ. ތިން ދުވަހުގެ އެ ދަތުރުފުޅުގައި އޭނާ ޖައިޝަންކަރާ ބައްދަލުކުރައްވައި، ތަރައްގީއާއި އިގުތިސާދީ ދާއިރާއިން ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.
އިންޑިއާއަކީ ރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެއް ގައުމު ކަމަށްވާއިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ބޮޑު ކެމްޕެއިނަކަށް ފަހު ވެރިކަމަށް އައި މި ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު އިންޑިއާއާ ވަރަށް ގުޅުން ގޯސްވިއެވެ. އެގޮތުން ތިން ނައިބު ވަޒީރުން އިންޑިއާގެ ވެރިންނާއި ރައްޔިތުންނަށް ކުޑައިމީސްކޮށް ދެއްކި ވާހަކައަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގައި ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ.
އެއަށްފަހު މި ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެގައުމުގެ އޮފިޝަލުންނާއި ދިވެހި ސަރުކާރުން ވެސް ވަނީ އެ މަސައްކަތްތަކާއެކު އިންޑިއާއާ ގުޅުން ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.