ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ 161،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ޣައްޒާގެ ދީރް އަލް ބަލާހުގައި ކުޑަކުއްޖަކަށް ވެކްސިން ދެނީ، ފޮޓޯ/އަނަދޯލް އޭޖެންސީ

ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ 161،000 ކުދިންނަށް ޕޯލިއޯ ވެކްސިން ދީފައިވާ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މިއީ އެ ޖަމިއްޔާއިން ވެކްސިން ދިނުމަށް އަމާޒު ހިފާފައިވާ 156،500 އަށްވުރެ އިތުރު އަދަދެކެވެ.

ހިސާބުތަކާ ހަވާލާދީ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ރިޗަޑް ޕީޕަކޯން ވިދާޅުވީ ވެކްސިން ކެމްޕޭންގެ ދެވަނަ ދުވަހު ގާތްގަނޑަކަށް 74،340 ކުދިންނަށް ވެކްސިން ދީފައިވާއިރު، ފުރަތަމަ ދުވަހު 86،600 އަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ދީފައިވާ ކަމަށެވެ.

ޕީޕަކޯން ވިދާޅުވީ ކެމްޕޭންގެ ތިންވަނަ ދުވަހުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މެދުތެރޭ ޣައްޒާގައި ބާކީ ތިބި ގިނަ ކުދިންނަށް ފުރަތަމަ ބުރު ނިމޭއިރު ވެކްސިން ޖަހަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ 7 އޮކްޓޯބަރުގެ ކުރިން ޣައްޒާގެ މުޅި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވިފައިވާ ކަމަށާއި ނަމަވެސް ހަމަނުޖެހުމުގެ ސަބަބުން ވެކްސިންގެ ދެ ވަނަ ޑޯޒް ދެވުނު މިންވަރު ދަށްވެފައިވާ ކަމަށެވެ.

ވެކްސިން ދިނުމުގެ ކަންތައްތައް މިހާތަނަށް ދަނީ ރަނގަޅަށް ކަމަށް ޕީޕަކޯން ވިދާޅުވިއެވެ. އަދި އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައިވެސް ރަނގަޅުވާނެ ކަމަށް ކަމަށާއި، މި ކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފުރަތަމަ ޑޯޒްތައް ދީ ނިމުމުން ދެވަނަ ޑޯޒްތައް ދޭނީ ހަތަރު ހަފުތާ ފަހުންނެވެ.

ޕޯލިއޯ ވެކްސިން ޣައްޒާއަށް ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން އެދުނީ 25 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޣައްޒާއިން ޕޯލިއޯ ފެނުމާ ގުޅިގެންނެވެ.

comment ކޮމެންޓް