ޔާމީން ހައްޔަރުކުރުމާ ގުޅޭ ރިޕޯޓް ސައްހައެއްނޫން؛ ސީރިއަސް ތަހުގީގެއް ހިންގަނީ

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު: ޔާމީން ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއްގެ މައްސަލައިގައި ސީރިއަސް ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ރިޕޯޓުގެ މައްސަލައިގައި، ފުލުހުން ސީރިއަސް ތަހުގީގެއް ފަށައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ، ޔާމީން ހައްޔަރުކުރުމަށް ނެރުނު ކަމަށް ބުނާ ސައްހަ ނޫން ކޯޓު އަމުރަކާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓް ކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުން ބެލި ބެލުމުން، އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓުތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއްކަން ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީން ހައްޔަރުކުރުމަށް ނެރުނު ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލައިގައި ފުލުހުން އެކުލަވާލި ރިޕޯޓު ކަމަށް ބުނެ ދައުރުކުރާ ލިޔުން ސައްހަ ނޫން ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މުއައްސަސާއިން ބުނީ، އެ ރިޕޯޓް އުފައްދައި ދައުރު ކުރަމުންދާ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ ކަމަށެވެ. އަދި އާންމުންގެ މެދުގައި އެކި ފަރާތްތަކާ މެދު ނުވައި ތަސައްވުރެއް އުފެދޭ ގޮތަށް ފަތުރާ އެފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރިޕޯޓާ ގުޅޭ ގޮތުން، ޔާމީން ހިމެނޭ ގޮތަށް، އެ މަނިކުފާނަށް ތާއިދު ކުރައްވާ އެކި ބޭފުޅުން ވާހަކަދައްކަވައިފައިވެއެވެ. އެގޮތުން އެ ރިޕޯޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ގުޅޭ ގޮތުން ލިޔެފައިވާ ބައެއް މައުލޫމާތުގެ ސައްހަ ކަމާ ގުޅޭ ގޮތުން، ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި ވާހަކަދައްކަވައިފައިވެއެވެ.

ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރުނީ ފެބްރުއަރީ 7، 2016ގައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ޚާއްސަ ތަހުގީގެއް ހިންގިއެވެ.

އެ އަމުރު ނެރުނީ އދ. މާމިގިލީ ކޯޓުން ކަމަށްވާއިރު އޭރު އެ ކޯޓު ހިންގެވުމަށް ހުންނެވީ ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒް މުހުސިނެވެ. އެ މައްސަލައިގައި 2016ގައި މުހުތާޒު ހައްޔަރުކޮށް، އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެއަށްފަހު އޭނާ މިނިވަންވީ ވެރިކަން ބަދަލުވި ފަހުން، 2018ގައެވެ.

މި ސަރުކާރުގައި މުހުތާޒް، ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު، ފަހުން ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލައިގައި އދ. މާމިނގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ނަމަވެސް 2018 ވަނަ އަހަރު އޭނާ ވެސް ވަނީ މިނިވަންވެފައެވެ.

comment ކޮމެންޓް