ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިފި

ރާޅުގަނޑު ސަރަހައްދު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ކޯސްޓްގާޑުން ހަރަކާތްތެރިވަނީ ----- ފޮޓޯ/އެމްއެންޑީއެފް

ރާޅުގަނޑު ސަރަހައްދު ކައިރިން މިއަދު ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ސިނަމާލެ ބުރިޖު ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗުގައި ތިން މީހަކު ތިބި ކަމަށާއި، ފުލުހުން އެ ތިން މީހުން ވެސް ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ވެސް މިފަދަ ހާދިސާތައް ދިމާވެ، އެކި ވަރުގެ ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހިފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް