މަދަރުސީ ހަޔާތް ނިންމައި، އޭނާ އޭލެވެލް ހަދައިފިއެވެ. އެ ހިސާބުން ކިޔެވުން ނިންމާލާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ބެޗެލާސް އޮފް ބިޒްނަސް މާކެޓިން އެންޑް މެނޭޖުމަންޓުން ތައުލީމު ހާސިލުކުރިއެވެ. އެއީ، 2012 ވަނަ އަހަރެވެ. އޭރު އޭނާއަށް އަދި، ކޯސް ނިންމި ކަމުގެ ސެޓްފިކެޓެއް ނުލިބެއެވެ.
ވަގުތުތައް ނަގާލުމުގެ ބަދަލުގައި އޭނާ ނިންމީ، ވަޒީފާއެއް ހޯދާށެވެ. މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް، އޭރު މާ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ނެތެވެ. އެހެންވެ، ގއ. ވިލިނގިއްޔަށް އުފަން މަރިޔަމް ޝަފާ, އެ ރަށާ ވަރަށް ކައިރީގައި އޮންނަ ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްއާ ގުޅުނެވެ. އެއީ، ޑިސެމްބަރު 2012ގައެވެ.
އެއީ، މިހާތަނަށް ތޭރަ އަހަރު ކޫއްޑޫއަށް ޚިދުމަތް ކުރުމުގައި ހުރި ޝަފާގެ ފެށުމެވެ. ގޭތެރޭގެ މާހައުލުން ނިކުމެ، އަންހެނުންނަށް ވާނެކަން ސާބިތުކޮށްދޭން ފެށި ދަތުރުގެ ވާހަކައެވެ.
ތަޖުރިބާ ހޯދަން ގުޅުނު ވަޒީފާއަށް ޝައުގުވެރިވެ، ފަހަރަކު ހަރުފަތެއް ކުރިއަށް
ކޮންމެ ކަމަކަށް ވެސް ފެށުމެއް އޮވެއެވެ. އެއްބައި މީހުންނަށް ބޭނުންވާ ދާއިރާއަށް އާދެވެނީ، މުޅިން ތަފާތު ގޮތަކަށެވެ. އެ ދަތުރުގައި އުންމީދު ނުކުރާ ހަރުފަތްތަކަށް ގިރާ ކުރެވޭ މީހުން ވެސް މަދެއް ނޫނެވެ. އެކަމަކު، އެއީ، ފަސް ޖެހުމެއް ނެތި ކުރިއަށް ދާނަމައެވެ. އެ އުސޫލުން ބަލާނަމަ، ޝަފާގެ ދަތުރު ވެސް ތަފާތެވެ.
ތަޖުރިބާ ހޯދުމަށް އޭނާ ކޫއްޑޫއަށް ޚިދުމަތް ކުރުމުގެ ދިގު ދަތުރު ފެށީ، އޭނާގެ ދާއިރާއަކުން ވެސް ނޫނެވެ. އޭރު އޭނާ އަދާކުރީ، ކޫއްޑޫ އެކައުންޓްސްގެ ސީނިއާ އޮފިސަރެއްގެ މަގާމެވެ. އެ މަގާމުގައި މަސައްކަތް ކުރާތާ އަހަރެއް ވީއިރު، މި ދާއިރާއަށް އޭނާގެ ހިތް ލެބެން ފަށައިފިއެވެ.
ޝަފާ ކޫއްޑޫއާ ގުޅުނުއިރު، އެ ތަނަށް އޭނާ އަހުލުވެރިއެއް ވެސް ނޫނެވެ. އެހެންވެ، އެ ކޫއްޑޫގައި ކުރިއަށް ދެވެން ހުރި ދާއިރާތައް ހޯދައި، ބެލިއެވެ. ޝަފާގެ އެ ކަމުގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވިއެވެ. އެއީ، ކޫއްޑޫގައި މަސައްކަތް ކުރާނެ ގިނަ ދާއިރާތައް ހުރުމުންނެވެ. ކޯހުގައި ކިޔެވި ފިލާވަޅުތަކުގެ އަލީގައި ކުރިއަށް ދެވޭނެ ތަނަކަށް ވާތީއެވެ.

ޝަފާ ----
"އަޅުގަނޑު ބަލައިލިއިރުގައި މި ދާއިރާގައި ވަރަށް ބައިވަރު ފުރުސަތުތައް މި ތަނުގައި އޭރު އޮތް އަޅުގަނޑު ޖޮއިންވީއިރު. އަޅުގަނޑު ސީނިއާ އޮފިސަރަކަށް ހުރެފައި އަޅުގަނޑު ބަލާލިއިރު، މެނޭޖަރާ ހަމައަށް ވެސް ދިޔުމުގެ ފުރުސަތު އޮތް" މާޒީގެ ސަފުހާތައް އުކަމުން ޝަފާ ކިޔައިދެއްވިއެވެ.
ޝަފާ ކޫއްޑޫއާ ގުޅުނުއިރު، ބެޗެލާސް ނިންމައިގެން ވަޒީފާ އަދާކުރަނީ، އެންމެ ދެމީހުންނެވެ. އެ މީހުން މަސައްކަތް ކުރީ، މެނޭޖުމަންޓުގައެވެ. ސީނިއާ އޮފިސަރަކަށް މަސައްކަތް ކުރާތާ އަހަރެއް ފަހުން، ކޫއްޑޫގެ އެޗްއާރު ހެޑަކަށް ފުރުސަތު މެނޭޖުމަންޓުން ދިނެވެ. އެއީ، އޭނާ ކިޔަވާފައި ހުރި ދާއިރާއާ ގުޅޭ މަގާމަކަށް ވާތީއެވެ. އޭރު އޭނާގެ އުމުރުން 23 އަހަރެވެ.
އެ މަސައްކަތް ކުރަން ފެށިއިރު، ޝަފާގެ އެހާ ތަޖުރިބާއެއް ވެސް ނެތެވެ. އެ ކަން 'ވާނެބާއޭ' ވެސް އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.
އެޗްއާރާ ގުޅުނުއިރު ކޫއްޑޫގައި 650އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. އެކަމަކު، އަންހެނުންގެ ނިސްބަތަކީ، އެންމެ ދެ އިންސައްތައެވެ. މެނޭޖުމަންޓާއި ސީނިއާ މުވައްޒަފުންގެ ތެރޭގައި ވެސް އަންހެން މުވައްޒަފު އޭރަކު ނެތެވެ. އެހެންވެ، ދާއިރާގައި ދެމިހުރެވޭނެ ކަމާމެދު ޝަފާގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ.
"އަޅުގަނޑު ހިތަށް އެރި މިކަން ވާނެބާވައޭ. ހުރިހާ ފިރިހެން މުވައްޒަފުންގެ ތެރޭގައި މަސައްކަތް ކުރެވޭނެ ބާވައޭ" ޝަފާ ވިދާޅުވިއެވެ.
އޭނާ ވަނީ، ކޫއްޑޫގައި އެސިސްޓެންޓު މެނޭޖަރުކަމާއި މެނޭޖަރުކަންވެސް ކުރައްވާފައެވެ.

ޝަފާ އޮފީސް މަސައްކަތުގައި ---
ކުރިއަށް ދިޔުމުގައި މެނޭޖުމަންޓުން ލިބުނު އެއްބާރުލުމުގެ ދައުރު ބޮޑު
ދިގު މުއްދަތަކަށް ތަނަކަށް ޚިދުމަތް ކުރުމުގައި ކޮންމެ މީހަކަށް ވެސް އެހީތެރިކަމުގެ އަތެއް ބޭނުންވެއެވެ. ދިމާވާ ކަންކަމަށް ލުޔެއް ބޭނުންވެއެވެ. ޝަފާއަށް ވެސް ވީ އެހެނެވެ. މެނޭޖުމަންޓާ ގުޅުނުއިރު، ހީކުރެވުނު ކުށްހީތައް އެ ހިސާބުން ދޫކޮށްލަން ޖެހިއްޖެއެވެ.
އެ ތަނުގެ މުވައްޒަފުން ވެދިން އެހީއަކީ، ވަޒީފާގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރަކަށްވިއެވެ. އާ ޖޯޝަކާ އެކީ ތަނަށް ޚިދުމަތް ކުރުމުގައި ދެމިހުންނަން ހިތް ޖެހިއްޖެއެވެ. އެއީ، އޭނާގެ ހިތުގައި އަބަދަށް ފެވިފައި ހުންނާނެ ކަންތައްތަކެކެވެ.
އޭނާގެ މި ދިގު ދަތުރުގައި ދެމިހުރެވޭ އަނެއް ސަބަބަކީ، އެއީ ވަރަށް ރައްކާތެރި މަސައްކަތު މާހައުލަށް ވާތީއެވެ. ޝަފާ ވިދާޅުވީ، އެއްވެސް ހާސްކަމެއް އެ ތަނުގައި އޭނާ މަސައްކަތް ކުރަނީ ހިތްހަމަޖެހިގެން ކަމަށެވެ.
"އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، އަޅުގަނޑު އަންހެނަކަށް ވެފައި އެއްވެސް ގޮތަކަށް ތަފާތެއް ނުކުރޭ. އަޅުގަނޑާ ދޭތެރޭ ކަންތައް ކުރުމުގައި އަންހެނަކަށް ވީތީ އިތުރު ފަސޭހަތަކެއް ހުރޭ. އެ ބޭފުޅުންގެ އެޓެންޝަންއާއި ސަޕޯޓު އެހެން ބޭފުޅުންނަށް ވުރެ ބޮޑަށް ލިބޭހެން ހީވޭ" ޝަފާ ވިދާޅުވިއެވެ.

ޝަފާ ވިލިނގިއްޔަށް ދޭ ފެރީއަށް އަރަނީ ---
އުފަން ރަށުން ފެރީއެއްގައި ކަނޑު ހުރަސްކޮށް، ވަޒީފާއަށް އައި ނަމަވެސް އަންހެނަކަށް ވީތީ ބޭނުންވާނެ ކަންކަން ހުންނާނެއެވެ. އޭގެތެރޭގައި، އެކޮމޮޑޭޝަނާއި ކާބޯތަކެތާއި ޗުއްޓީތަކުގެ އިންތިޒާމު ފަސޭހައިން ކޫއްޑޫއިން ހަމަޖައްސައިދެއެވެ. ރަށަށް ދަތުރުތައް އޮންނަ ގޮތާ މެދު އޭނާ ހިތްހަމަޖެހެއެވެ.
ކޮންމެ ކަމެއްގައި ދާން ޖެހުނަސް، ފެރީ ދަތުރުތައް މެނޭޖްމަންޓުން ހަމަޖައްސައިދެއެވެ. ހަތް ވަރަކަށް މިނެޓުން ވިލިނގިއްޔަށް ދެވެއެވެ. އެ ހުރިހާ ޚިދުމަތަކާ މެދު ޝަފާ ހިތްހަމަޖެހެއެވެ. އެ ލުއިތަކަކީ، ވަޒީފާގައި އޭނާ ކުރިއަށް ދާން ލިބުނު އިތުރު ޖޯޝަކަށްވިއެވެ.
ރަނގަޅަށް ކިޔަވައިގެން ހުރުމުން އެކަށީގެންވާ މުސާރައެއް ވެސް އޭނާއަށް ލިބެއެވެ.
ސާބިތުކޮށްދިނީ ކިޔަވައިގެން އަންހެނުންނަށް ވެސް ވާނެކަން
ކޮންމެ ދުވަހެއްގެ ހެނދުނު 07:00ގައި ޝަފާ ކޫއްޑޫއަށް އާދެއެވެ. އެއަށްފަހު، މަސައްކަތްތައް ނިންމައި، ވިލިނގިއްޔަށް ދެވެނީ 16:20 ހާއިރެވެ. އޭގެފަހުން، އިތުރަށް އެއްވެސް މަސައްކަތެއް ކުރާކަށް ޝަފާއަކަށް ނުޖެހެއެވެ. އެހެންވެ، ދެކުދިންގެ މަންމައެއް ކަމަށްވާ ޝަފާގެ އަމިއްލަ ހަޔާތަށް ވަގުތު ހުސްކުރެވެއެވެ.
އިތުރަށް ވަގުތު ހޭދަކުރަން ނުޖެހޭތީ، އަމިއްލަ ރަށުގައި ނޫނަސް އޭނާއަށް ވަޒީފާ އަދާކުރާކަށް އުނދަގުލެއް ނޫނެވެ. އާއިލާއަށް ވަގުތު ހުސްކުރެވި، އެހެނިހެން ކަންކަން ވެސް ކުރެވޭތީއެވެ.
އޭނާ ދެކިލައްވާ ގޮތުގައި، އަމިއްލަ ރަށުގައި މަސައްކަތް ކުރުމަށް ވުރެ ކޫއްޑޫގައި މަސައްކަތް ކުރަން މާ ފަސޭހައެވެ.

ޝަފާ 'އެސްއެސްޓީވީއަށް' އިންޓަވިއު ދެނީ ---
ބައެއް ރައްޓެހިންގެ ކަންކަން ހިއްސާކޮށް، ޝަފާ ކިޔައިދެއްވި ގޮތުގައި، އަމިއްލަ ރަށުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ހަވީރު 16:00 ވަންދެން އުޅެނީ އޮފީސް މަސައްކަތުގައެވެ. ނޫނީ، އޭގެ ފަހުން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ. އެ މީހުންނަށް އެހެންވެ، ގިނަ ފަހަރަށް އޮންނަނީ ޝަފާއަށް ވަގުތު ދެވޭ ވަރަށް ވެސް އާއިލާއަށް ވަގުތު ނުދެވިފައެވެ.
އެހެންވެ، އެހެން ރަށަކަށް ދަތުރުކޮށް ވަޒީފާ އަދާކުރަން ޖެހުމަކީ، ޝަފާއަށް މާ ބޮޑު ކަމަކަށް ނުވެއެވެ. އެއީ، ކަނޑު ދަތުރެއް ކަމަށްވީ ނަމަވެސް، އޭނާގެ ފަރުވާލެއް ނެތެވެ.
އަންހެނަކަށް ވީތީ މަސައްކަތުގައި ފިރިހެނުންނަށް ވުރެ ޝަފާ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެއްވައެވެ. އޭނާގެ އެދުމަކީ، ވެސް ކިޔަވައިގެން ކުރިއަށް ދެވެން ހުރި ދާއިރާތަކުން އަންހެނުން ކުރިއަށް ދިޔުމެވެ.
"އަޅުގަނޑު މުޖުތަމައުގެ އަންހެން ކުދިންނަށް ބުނާނީ، ވަޒީފާގެ ފުރުސަތުތައް ކިތަންމެހާ ވެސް އެބައޮތޭ. އަޅުގަނޑުމެން ހިތްވަރާ އެކީ މަސައްކަތް ކޮށްފިއްޔާ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވޭނެ. އަންހެނެކޭ ކިޔާފަ ގޭގައި މަޑުކޮށްގެން ފަހަތަށް ޖެހޭނެ ކަމެއް ނެތް. ހަމަ ކުރިއަށް ދާންވީ"
ޝަފާގެ މި ވާހަކައިން އެކަނި ވެސް ވަޒީފާއަށް އިތުރު އަންހެނުން ނިކުންނަން މަގުފަހިވާނެއެވެ. ގިނަ ދާއިރާތަކުގައި ފިރިހެނުންނެކޭ އެއްހަމައިގައި އަންހެނުން ފަައިތިލަ ސާބިތުކުރާނެއެވެ. ޝަފާހެން އަންހެނުންނަށް ވާނެކަން ސާބިތުކޮށްދޭނެއެވެ.