މާލެ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުން ހޯދަނީ

ހުކުރު ނަމާދެއްގެ ތެރެއިން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާލޭ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާލޭ ސަރަހައްދުގައި އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ.

އެގޮތުން، ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހުންގެ ތެރެއިން، ރީތިކޮށް ޤުރުއާން ކިޔަވާ، ފަރިތަކޮށް ޚުތުބާ ކިޔާ މީހުން ހޮވާނީ އިންޓަވިއުއެއްގެ ތެރެއިންކަމަށް އޭނާ ވަނީ ލިޔުއްވާފައެވެ.

މިކަމަށް ޝައުގުވެރިވާ މީހުން ފޯމު ހުށަހަޅާނީ ލިންކެއް މެދުވެރިކޮށެވެ.

https://sun.mv/196168

އިމާމުވެ ހުކުރު ކުރުމަށް ޝައުޤުވެރިވާ މީހުން ހޯދަން މިއަދު އިއުލާނުކޮށްފައި ވާއިރު މާލޭ ސިޓީގައި ޚުތުބާ ކިޔާ މީހުންގެ ލިސްޓު މި ހަފުތާގައި މުރާޖާކުރަން ނިންމާފައިވާ ކަމަށް މިދިޔަ ހަފުތާގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ޚުތުބާ ކިޔާ ބައެއް މީހުން ކުށް ކިޔައި ކަމަށް ބުނެ، ޝައިޚް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރުމުންނެވެ.

މާލޭ ސަރަހައްދުގައި އިމާމުވެ ހުކުރުނަމާދު ކުރުމުގައި އިލްމީ، ގާބިލު، އަދި ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދޭން އިސްކަން ދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެކުރިން، އިސްލާމިކް މިނިސްޓްރީން ވަނީ ޒުވާން ޚަތީބުން އުފެއްދުމުގެ މަޝްރޫއެއް ވެސް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ސްކޫލު ނިމިފައި ތިބި ޒުވާނުންނަށް ވަނީ އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ދީފައެވެ.

comment ކޮމެންޓް