މާލޭގައި ޚުތުބާ ކިޔާ މީހުންގެ ލިސްޓު މުރާޖާކުރަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސިޓީގައި ޚުތުބާ ކިޔާ މީހުންގެ ލިސްޓު އަންނަ ހަފުތާގައި މުރާޖާކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޚުތުބާ ކިޔާ ބައެއް މީހުން ކުށް ކިޔައި ކަމަށް ބުނެ، ޝައިޚް އަލީ ޒައިދު މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ ކަމަށް ރައްދުދެއްވައި ވަޒީރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސަރަހައްދުގައި ޚުތުބާ ކިޔާ މީހުންގެ ލިސްޓު އަންނަ ހަފުތާގައި މުރާޖާކުރަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރުމުގައި އިލްމީ، ގާބިލު، އަދި ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދޭން އިސްކަން ދެއްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޝައިޚް ޒައިދު ވަނީ ޚުތުބާ ކިތަންމެ މޮޅު ނަމަވެސް ކުށްކިޔައި ތިން ހަތަރު ފަހަރު އަލުން ފަށައިގެން ޖުމްލަ ކިޔައި ހެދުމަކީ އަޑުއަހަން ތިބޭ މީހުންގެ ޝައުގުވެރިކަން ގެއްލޭ ކަމެއް ކަމަށާއި ޚުތުބާގެ އަސަރު ކެނޑި ދޭން ބޭނުންވާ މެސެޖު ފެއިލްވާ ކަމެއް ކަމަށް ބުނެފައެވެ.

ޚުތުބާ ފަރިތަކުރުމަށާއި އެ ކަމަށް ޝައުގުވެރިކަން ބަހައްޓައި އެކަށިގެންވާ ތައްޔާރީތައް ވާން ޒައިދު ވަނީ ޚަތީބުންނަށް ގޮވާލައިފައެވެ.

ޒައިދު ވަނީ މިއަދުގެ ހުކުރު ޚުތުބާ ވަރަށް ރަނގަޅު ކަމަށް ބުނެފައެވެ. މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އިސްލާމް ދީނަކީ މަގު ގެއްލިފައިވާ މީހުންނަށް ހުރި މަގުބައްތިއެއް ކަމަށާއި އަހަރެމެންގެ މަންހަޖަކީ އިސްލާމް ދީންކަމުގައި ހަދައިފި ނަމަ، ނަންހުރި މޮޅު ބަޔަކު ތަރުބިއްޔަތު ކުރެވޭނެ ކަމަށް ބުނެފައެވެ.

އިންސާނުންނަކީ ކުށަށް ހުށަހެޅިފައިވާ ބައެއް ކަމަށާއި އިޚުލާސްތެރިކަމާ އެކު ފާފަފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވުމުން ފާފަފުއްސަވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި، ހުރިހައި ޞާލިޙު އަޅުންނަކީ، ފާފަ ކުރެވޭ މީހުން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް