ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ޓަކައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދެ މުއައްސަސާއަކީ އަބަދު ވެސް ވަރަށް ގުޅިގެން މަސައްކަތްކުރާ ދެ މުއައްސަސާ ކަމަށެވެ. ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތްކަން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ޓަކައި މިނިސްޓަރު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ގޮތުން ރާއްޖޭގެ އަމާންކަން ދަމަހައްޓައި، ރަނގަޅު ފިކުރު ފެތުރުމަށް ފުލުހުން ކުރަމުން ގެންދަނީ ވަރަށް ވެސް ބުރަ، އަދި އެހާމެ މުހިންމު ގައުމީ މަސައްކަތްތަކެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިކަން ދިނުމަކީ އިސްލާމިކް މިނިސްޓްރީއަށް ވެސް އޮތް މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ފަސްޖެހުމެއް ނެތި އެ މިނިސްޓްރީން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މިނސްޓަރު ދެއްވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވާ ފިކުރީ ގޮންޖެހުންތައް ރާއްޖެއަށް ވެސް ކުރިމަތިވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި އިސްލާމްދީނާ ދެކޮޅު ފިކުރުތަކާ، އިސްލާމީ ފިކުރުތަކުގެ ތެރެއިން އުފެދިފައިވާ ފިކުރުތައް ކަމަށްވާ ހަރުކަށި ފިކުރު ހިމެނެއެވެ.
"މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ވޭތުވެދިޔަ ޒަމާންތަކުގައި، އަހަރުތަކުގައި، ގާއިމުވެފައި ހުރި ގުޅުންތަކުގެ މައްޗަށް އިތުރުކުރެވޭ އާ ސިލްސިލާއެއް. އާ ބިންގަލެއް އެޅިގެން މިދަނީ. ކޮމިޝަނާ އަލީ ޝުޖާއުގެ ލީޑަޝިޕްގެ ދަށުން މިކަންތައްތައް އިތުރަށް ހަރުދަނާވެގެންދާތަން މި ފެންނަނީ،" ޝަހީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު، ސީޕީ އަލީ ޝުޖާއު ވިދާޅުވީ، މި ފަހުމުނާމާގައި މިއަދު ސޮއިކުރުމުގެ ކުރިން ވެސް ފުލުހުންނާ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ރާއްޖެއަކީ އަމާން މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓްރީ ވަރަށް އިސްދައުރެއް އަދާކުރާ ކަމަށާއި، އެގޮތުން މުޖުތަމައުގައި އުފެދޭ ދީނީ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގައި ވެސް އެ މިނިސްޓްރީން މުހިންމު ރޯލެއް ކުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ދެއްވާ އެހީތެރިކަން ސީޕީ ފާހަގަ ކުރެއްވިއެވެ.
މި ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމާގުޅޭ މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ވަކި ޚާއްސަ ކަމަކަށް ވެވުނު އެއްބަސްވުމެއް ނޫން ކަމަށެވެ. މި އެއްބަސްވުމަކީ ޖުމްލަކޮށް އިސްލާމިކް މިނިސްޓްރީއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.