ގޫގުލް ޕްލޭ ސްޓޯރުގައި އޮޓޯއޯޕަންގެ ނަމުގައި އާ ފީޗާއެއް ތައާރަފުކުރަނީ

މިވަގުތު ގޫގުލް ޕްލޭ ސްޓޯރު މެދުވެރިކޮށް ޑައުންލޯޑް ކުރާ އެޕްލިކޭޝަންތަކަށް ލިބެނީ ހޯމް ސްކްރީންގައި ޝޯޓްކަޓެއް އެކަންޏެވެ.

ގޫގުލް ޕްލޭ ސްޓޯރުން އެޕްލިކޭޝަންތައް ޑައުންލޯޑު ކުރުމަށްފަހު އަމިއްލައަށް ހުޅުވޭ އައު ފީޗާއެއް ތަޢާރަފުކުރަން އުޅޭކަމަށް ޓެކް ރިޕޯޓުތައް ބުނެފިއެވެ.

"އޮޓޯ-އޯޕަން"ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗާ މެދުވެރިކޮށް، އެންޑްރޮއިޑް ފޯނުތަކުގައި ޕްލޭ ސްޓޯރުން އިންސްޓޯލްކުރާ އެޕްތައް އިންސްޓޯލްވުމާއެކު އަމިއްލައަށް ހުޅުވޭނެއެވެ.

އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓެއްގައި ބުނާ ގޮތުން، މި ފީޗާ ބޭނުންކުރާއިރު އެޕް އިންސްޓޯލްވުމަށް ފަހު ފަސް ސިކުންތުގެ ކައުންޓްޑައުނެއް ފެންނާނެއެވެ. އަދި އޭގެ ފަހުން އެޕް އަމިއްލައަށް ހުޅުވޭނެއެވެ. ނަމަވެސް މިގޮތަށް މިކަން ވާން ބޭނުންނުވާ ފަރާތްތަކަށް މި ފީޗާ ނުހިންގުމުގެ އިޚްތިޔާރުވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ގޫގުލް ޕްލޭ ސްޓޯރުން މިހާރު އެއްފަހަރާ ތިން އެޕް ޑައުންލޯޑު ނުވަތަ އަޕްޑޭޓްކުރެވޭނެ ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ. މި ބަދަލާއެކު ޕްލޭ ސްޓޯރުން އެޕްތައް ޑައުންލޯޑުކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތް އަވަސްވާނެއެވެ.

މި އައު ފީޗާތައް އަދި ރަސްމީކޮށް އިޢުލާނުކޮށްފައި ނުވިނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެންޑްރޮއިޑްގެ ހުރިހާ ޔޫޒަރުންނަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ގޫގުލް ޕްލޭ ސްޓޯރަކީ އެންޑްރޮއިޑް ފޯނުތަކަށް އެޕްލިކޭޝަންތައް ޑައުންލޯޑުކުރުމަށް 2008 ވަނަ އަހަރު ތަޢާރަފުކުރި ޑިޖިޓަލް ޕްލެޓްފޯމެކެވެ. މިއީ އެޕަލްގެ އެޕް ސްޓޯރާ ވާދަކުރުމަށް ގޫގުލްއިން ތައްޔާރުކުރި ޕްލެޓްފޯމެކެވެ.

ފުރަތަމަ ތަޢާރަފުކުރިއިރު "އެންޑްރޮއިޑް މާކެޓް"ގެ ނަމުގައި ހުޅުވި މި ޕްލެޓްފޯމުގެ ނަން 2012 ވަނަ އަހަރު "ގޫގުލް ޕްލޭ"އަށް ބަދަލުކުރިއެވެ. މިހާރު މި ޕްލެޓްފޯމުގައި ދެ މިލިއަނަށްވުރެ ގިނަ އެޕްލިކޭޝަން ލިބެން ހުރެއެވެ. އަދި ކޮންމެ އަހަރަކު ބިލިއަނަކަށްވުރެ ގިނަ އެޕްލިކޭޝަން ޑައުންލޯޑުކުރެވެއެވެ.

ގޫގުލް ޕްލޭ ސްޓޯރަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެންމެ މުހިންމު އެއް ވަސީލަތް ކަމުގައި ވެފައިވާއިރު، އަބަދުވެސް އައު ފީޗާތައް ތަޢާރަފުކުރަމުންދާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް