ގޫގުލްގެ އައު ކޮއަންޓަމް ޗިޕާއެކު ހިއްސާގެ އަގު އުފުލިއްޖެ

ގޫގުލް އިން އުފެއްދި އައު ޗިޕް ---

އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ގޫގުލްއިން ތަޢާރަފުކުރި އައު ކޮއަންޓަމް ޗިޕް "ވިލޯ" އާ ގުޅިގެން މައި ކުންފުނި އަލްފަބެޓްގެ ހިއްސާގެ އަގު އިއްޔެ އަންގާރަ ދުވަހު ފަސް އިންސައްތަ އިތުރުވެއްޖެއެވެ.

ކޮއަންޓަމް ކޮމްޕިއުޓިން ދާއިރާގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމެއް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށް ގޫގުލްއިން ބުނާ މި އައު ޗިޕް ހޯމަ ދުވަހު ވަނީ ތަޢާރަފުކޮށްފައެވެ. ވިލޯ ޗިޕްގެ އެހީގައި، އާންމު ކޮމްޕިއުޓަރަކުން ޔުނިވާސްގެ އުމުރަށްވުރެ ގިނަ ވަގުތު ނަގާނެ މައްސަލައެއް އެންމެ ފަސް މިނެޓުން ހައްލުކުރެވޭ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

ކޮއަންޓަމް ކޮމްޕިއުޓިންގެ އަސާސީ ބިލްޑިން ބްލޮކްތައް ކަމަށްވާ "ކިއުބިޓްސް" އަކީ ވަރަށް އަވަސް ނަމަވެސް، ކުށް އެކުލެވޭ ސިސްޓަމްތަކެކެވެ. ނަމަވެސް، ވިލޯ ޗިޕްގައި ކިއުބިޓްސްތައް ގުޅުވާލެވިފައިވާ ގޮތުން، ކިއުބިޓްސްގެ އަދަދު އިތުރުވާވަރަކަށް ކުށްތައް މަދުވާ ކަމަށާއި، ރިއަލް ޓައިމްގައި ކުށްތައް ރަނގަޅުކުރެވޭ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

ގްރޭޓް ހިލް ކެޕިޓަލްގެ ޗެއާމަން އަދި މެނޭޖިން މެމްބާ ތޯމަސް ހޭސް ވިދާޅުވި ގޮތުގައި، މިހާރު ވިލޯގެ ވަކި ބޭނުމެއް ނެތް ނަމަވެސް، ސައިންސާއި، ބޭސްވެރިކަމާއި، މާލީ ދާއިރާގައި މި ޓެކްނޮލޮޖީގެ ބޮޑެތި އަސަރުތަކެއް ކުރާނެއެވެ. އަދި ވިލޯއިން ކުށްތައް އެކްސްޕޮނެންޝަލްކޮށް މަދުކުރާތީ، އެކި ސިނާޢަތްތަކުގައި ބޮޑެތި ކުރިއެރުންތަކާއި ހޯދުންތަކަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލްފަބެޓްގެ ހިއްސާގެ އަގު މިހާރު ވަނީ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އެންމެ މަތީ ހިސާބަށް އަރާފައެވެ. އަދި މިއަހަރު ފެށުނީއްސުރެ މިހާތަނަށް ކުންފުނީގެ ހިއްސާގެ އަގު ވަނީ 25 އިންސައްތަ އިތުރުވެފައެވެ.

އެލްއެސްއީޖީ (LSEG) އިން އެއްކުރި މަޢުލޫމާތުތަކަށް ބަލާއިރު، އަލްފަބެޓްގެ ހިއްސާގެ 12 މަސްދުވަހުގެ ފޯވާޑް ޕްރައިސް-ޓު-އާނިންގްސް ރޭޝިއޯ ހުރީ 19.58 ގައެވެ. މިއީ މައިކްރޯސޮފްޓްގެ 32.03 އާއި އެމެޒޯންގެ 36.79 އާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މީގެ ކުރިން މިއަހަރު، މައިކްރޯސޮފްޓާއި ކޮއަންޓަމް ކޮމްޕިއުޓިން ކުންފުންޏެއް ކަމަށްވާ ކޮއަންޓިނިއުމްއިން ބުނެފައިވަނީ، ކޮއަންޓަމް ކޮމްޕިއުޓަރުތައް ވިޔަފާރީގެ ގޮތުން ޢަމަލީ ސިފަ ގެނައުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅައި، އެ ކޮމްޕިއުޓަރުތައް އިތުރަށް އިތުބާރުހުރި އެއްޗެއްގެ ގޮތުގައި ހަދައިފައިވާ ކަމަށެވެ.

comment ކޮމެންޓް