ލަންޑަން (2 ސެޕްޓެމްބަރު 2024): ޔަމަންގެ ކައިރިން ރަތްކަނޑުން ދަތުރުކުރި އާގު ބޯޓަކަށް މިއަދު ހަމަލާތަކެއް އަރައިފި ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޑްރޭޑް އޮޕަރޭޝަންސްއިން ބުނެފިއެވެ.
އެ މުއައްސަސާއިން ނެރުނު ގައިޑެންސް ނޯޓެއްގައި ވާގޮތުން ރަތްކަނޑުން ދަތުރުކުރި އާގު ބޯޓަކަށް ދެ ހަމަލާއެރީ ޔަމަންގެ ހުދައިދާއާ 70 މޭލު ދުރުން ދަތުރުކޮށްފައި ދަނިކޮށެވެ. މި ނޯޓުގައިވާގޮތުން ދެ ގޮވުމެއް އާގު ބޯޓުގެ ތެރެއިން ގޮވާފައިވާއިރު ތިންވަނަ ގޮވުން ގޮވީ އާގު ބޯޓުން ބޭރުގައެވެ.
މި ނޯޓުގައި ލަފާކޮށްފައިވާގޮތުން އެއީ އާގު ބޯޓުގެ ކައިރިއަށް ވެއްޓުނު ޝެލްއެކެވެ. ނުވަތަ ޑްރޯނަކުން ފޮނުވާލި ޝެލްއެކެވެ. ދެ ގޮވުމާ އެކު އާގު ބޯޓަށް ލިބުނު ގެއްލުމާ ގުޅިގެން ކައިރީގައިވާ ބަނދަރަކަށް ދިޔުމަށް އާގު ބޯޓު މަސައްކަތްކުރާ ކަމަށް ވެސް ޔޫކޭގެ މެރިޓައިމް ޑްރޭޑް އޮޕަރޭޝަންސްއިން ޝާއިޢުކުރި ނޯޓު ބުނެއެވެ.
ޔަމަންގެ ހޫޘީންގެ ތަރުޖަމާނަކުވަނީ މެރިޓައިމް ޓާގެޓަކަށް ހަމަލާތަަކެއް ދިން ކަމަށް ބުނެފައެވެ. ނަމަވެސް، ތަފުސީލެއް ނުދެއެވެ. މެރިޓައިމް ޓާގެޓްތަކުގެ ގޮތުގައި ހޫޘީން ސިފަކުރަނީ ރަތްކަނޑާއި އަރަބި ކަނޑު އަދި އިންޑިއާ ކަނޑުން ދަތުރުކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކާ އަދި އަސްކަރީ އުޅަނދުތަކަށެވެ.
ހޫޘީންވަނީ ރަތްކަނޑާއި އަރަބި ކަނޑު އަދި އިންޑިއާ ކަނޑުގެ ހުޅަނގުން ދަތުރުކުރުން އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ އަދި މަދަނީ އުޅަނދުތަކަށް މަނާކޮށް އެއުޅަނދުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކާ އަދި އަސްކަރީ އުޅަނދުތަކަށް ހޫޘީން ތަކުރާރުކޮށް ހަމަލާދެމުން ގެންދެއެވެ. މިހާތަނަށް ހޫޘީންވަނީ މި ތިން ގައުމުގެ ނުވަތަ މި ތިން ގައުމުގެ މަސްލަހަތު އޮންނަ 250 އަށްވުރެ ގިނަ އާގު ބޯޓުތަކަށް ސީދާ ގޮތެއްގައި ހަމަލާދީފައެވެ. މީގެ ތެރެއިން ދެތިން އާގު ބޯޓު އެއްކޮށް ކަނޑަށް ފައްތާލާފައި ވެސް ވެއެވެ.
ހޫޘީ ޖަމާއަތުން މިދިޔަ ހަފުތާގެ ކުރީކޮޅުވަނީ ތެޔޮ ޓޭންކަރަކަށް ހަމަލާތަކެއްދީފައެވެ. އެ ހަމަލާތަކާ އެކު އެ ޓޭންކަރުގެ އެތައް ތަނެއްގައިވަނީ އަލިފާން ރޯވެފައެވެ. ހޫޘީން ބުނާގޮތުން އެއީ އިސްރާއީލުގެ މަސްލަހަތު އޮންނަ ޓޭންކަރެކެވެ. މެރިޓައިމް އެޖެންސީތައް ބުނާގޮތުން އެއީ ގްރީސްގެ ތެޔޮ ބޯޓެކެވެ.
ހޫޘީން ބުނާގޮތުން އެ ޓޭންކަރަށް ވެސް ހަމަލާދޭންޖެހުނީ ހޫޘީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި، އެ ފިޔަވަޅުތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމުންނެވެ. އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުން ދަތުރުކުރާނަމަ ހަމަލާތައް ދޭނެ ކަމަށާއި ހަމަލާތައް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ހޫޘީން ބުނެއެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން އިސްރާއީލުގެ ދިފާއުގައި ހޫޘީންގެ އެތައް އަމާޒުތަކަކަށް ބޮންއަޅައި ހަމަލާތައް ދީފައިވެއެވެ. ނަމަވެސް، ހޫޘީންގެ ހަމަލާތަކަށް އަސަރެއްކުރާވަރުގެ ކަމެއް އެމެރިކާއާއި އިނގިރޭސިވިލާތަށް އަދި ކުރެވިފައެއް ނުވެއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތަކީ ޣައްޒާގައި ފަލަސްތީނުގެ ކުޑަކުދިންނާއި އާންމުން މަރަމުންގެންދާ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ދިފާއުގައާއި އިސްރާއީލުގެ ޓެރަރިސްޓް އަމަލުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ދެ ގައުމެވެ. އިސްރާއީލުގެ ދިފާއުގައި އެ ދެ ގައުމުންވަނީ ރަތްކަނޑާއި މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ވެސް ފޮނުވާފައެވެ. ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުތަކުންވަނީ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސަރުކުރާކަމުގެ ދައުވާ މި ދެ ގައުމުގެ މައްޗަށް އުފުލާފައެވެ.