މެނިފެސްޓޯ ތަންފީޒުވުމުން މަސްވެރިންނަށް ހައްލު ލިބޭނެ: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާ ބައްދަލުކުރައްވާފައި --- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ ތަންފީޒުވުމުން މަސްވެރިންނަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިއަދު ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ބޭފުޅުންނާ އެކު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބޭނެ ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެންބަރުންނަށް ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ދެއްވައިފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ ރައީސް އޮފީސް

ބީކޭއެމްޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސް ނިންމެވުމުން އެ ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ފާހަގަކޮށްފައެވެ. އެ ޔޫނިއަނުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފައެވެ.

ބީކޭއެމްޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާއަތަށް ވަންނަ، ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ. އަދި، މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް އެ ޔޫނިއަންގެ ފަރާތުން ވަނީ ހިއްސާކުރައްވައިފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ ރައީސް އޮފީސް

ޔޫނިއަނުން ވަނީ "ފްލޯ ޕްރައިސް" ގެ ދަށުން މަސް ވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްސަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ޔޫނިއަންގެ ބޭފުޅުން ވަނީ ކަންބޮޑުވުންތަކަށް ގެނެވެން ހުރި ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

ރައީސް ވަނީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މި ސަރުކާރުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަން ވެސް ނިންމިއެވެ. އެކަމަކު، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ނިންމުން އަނބުރާ ގެންދަން ނިންމެވީ ސީދާ ރައީސް މުއިއްޒެވެ. އެ މަނިކުފާނު ވަނީ މަސައްކަތްތެރިންނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ މަސައްކަތްތެރިންގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް