ކާރު އެކްސިޑެންޓް: ޑްރައިވަރު އަލުން ހައްޔަރުކުރަން މަސައްކަތް ކުރަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: ކާރު އެކްސިޑެންޓުގައި ޝާމިލުވާ ޑްރައިވަރު ދޫވުމުގައި އިހުމާލެއް ހިމެނޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމް އަލުން ހައްޔަރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

އެ އެކްސިޑެންޓުވި ކާރު ދުއްވަން އިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ. އިކްރާމް މައްސަލަ އިސްތިއުނާފު ކުރީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެއެވެ.

އެ ނިންމުމާ ގުޅިގެން އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމަށް ފުލުހުން ފަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓުތައް ކައިރީ ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.

އެ މައްސަލައިގައި އެ ވަގުތު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން އިކުރާމްގެ އިތުރުން އިކްރާމުއްރަޙްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން އަމުރުކުރީ މިދިޔަ މަހު އެއްވަނަ ދުވަހުއެވެ. އެ ކާރުގައި ދެން އިން ޖިނާޙް އިސްމާއިލްގެ ބަންދަށް ހުޅުމާލޭ ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ.

އެ މައްސަލައިގެ އިސްތިއުނާފީ އަޑު އެހުމުގައި ހައިކޯޓުން ބުނެފައިވަނީ ގާނޫނުއަސާސީން އިކްރާމަށް ލިބިދޭ ގާނޫނީ ވަކީލެއްގެ ހައްގަށް އޭނާ އެދިފައިވަނިކޮށް، އެ ހައްގު ހޯދައިނުދީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގޯސްކޮށް ކަމަށެވެ.

https://sun.mv/196243

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުޙައްމަދު ފައިސަލެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އެކްސިޑެންޓުގެ ވީޑިއޯތަކުން ފެންނަނީ އެކްސިޑެންޓުވި ސީންގައި ތިބެފައި ތިން މީހުން ވެސް ފިލާ ތަނެވެ.

މީގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި އިކްރާމް ބުނެފައިވަނީ އޭނާ ސީންގައި ހުރެފައި ދިޔައީ އެކްސިޑެންޓުގެ ސަބަބުން މެޔަށް ތަދުވާތީ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދުން ހިމެނެއެވެ. އެއީ، އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

comment ކޮމެންޓް