މެޓާ އޭއައި ވޮއިސް ޗެޓް މޯޑް ވަޓްސްއެޕަށް ތައާރަފުކުރަނީ

ވަޓްސްއެޕް ---

ވަޓްސްއެޕް އެޕްލިކޭޝަނަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ފަހުގެ ބަދަލެއްގެ ގޮތުގައި މެޓާ އޭއައި 'ވޮއިސް ޗެޓް' މޯޑެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.

ޑަބްލިއޫއޭބީޓާ އިންފޯގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި އައު ފީޗާ ވަނީ އެންޑްރޮއިޑް ބީޓާ ވާޝަން 2.24.18.18 އަޕްޑޭޓްގައި މިހާރު އިތުރުކޮށްފައެވެ.

މި އައު ވޮއިސް ޗެޓް މޯޑް މެދުވެރިކޮށް ޔޫޒަރުންނަށް މެޓާ އޭއައި އާއެކު އަޑުން މުޢާމަލާތް ކުރެވޭނެއެވެ. މިގޮތުން، ޔޫޒަރުންނަށް އަޑުން ސުވާލުކުރުމުން މެޓާ އޭއައި އިން އަޑުން ޖަވާބު ވެސް ދޭނެއެވެ.

މި ފީޗާ މެދުވެރިކޮށް ޔޫޒަރުންނަށް އަވަސް، އަދި ހަރުދަނާ މުޢާމަލާތްތަކެއް މެޓާ އޭއައި އާއެކު ކުރެވޭނެކަމަށް ބެލެވެއެވެ. އަދި މީގެ އިތުރުން، މެޓާ އޭއައި އިން ޖަވާބުދޭނެ އަޑު ވެސް ޔޫޒަރުންނަށް ބަދަލުކުރެވޭނެއެވެ.

މި ފީޗާ އެކްޓިވޭޓްކުރުމަށް ޝޯޓްކަޓެއް ވެސް ތަޢާރަފުކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ޗެޓް ލިސްޓުގައި ހުންނަ ފްލޯޓިން އެކްޝަން ބަޓަނަށް ފިއްތާލުމުން މި ފީޗާ އެކްޓިވޭޓްވާނެއެވެ.

އަދި ވޮއިސް ޗެޓް މޯޑުން ނުކުތުމުން ނުވަތަ ޗެޓް މޯޑަށް ބަދަލުވުމުން މި ފީޗާ އޮފްވާނެއެވެ. ފީޗާ އޮފްވުމުން ސްކްރީނުގައި ހުންނަ ވިޝުއަލް އިންޑިކޭޓާ ގެއްލޭނެއެވެ.

މިފީޗާ ފަހުގެ އަޕްޑޭޓްގައި އިތުރުކޮށްފައި ވިޔަސް އާއްމުކޮށް އަދި ހުރިހާ ޔޫޒަރުންނަށް ރޯލްއައުޓް ނުކުރާކަމަށް ބެލެވެއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޓްސްއެޕްގެ ހުރިހާ ޔޫޒަރުންނަށް މިފީޗާ ލިބޭނެކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް