އިސްރާއީލުގެ 6 އަސީރުން މަރުވެއްޖެ

މަރުވެފައި ވަނިކޮށް ފެނުނު އިސްރާއީލުގެ އަސީރުން

ތެލްއަވީވު (1 ސެޕްޓެމްބަރު 2024): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުންގެ ތެރެއިން ހަ މީހެއްގެ މަރުވެފައިވާ ހަށިތައް ފެނިއްޖެކަން އިސްރާއީލުން ހާމަކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ، މި ހަ މީހުންގެ ހަށިތައް ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާއި އެ ހަށިތައް ފެނުނީ ޣައްޒާގެ ރަފްހު ސަރަހައްދުގެ ބިން ގަރާހަކުންނެވެ. މި ހަ އަސީރުން މަރުވީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.

ހަގާރީ ބުނި ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން މި މީހުން މަރުވި ގޮތުގެ ތަހުގީގެއް ހިންގާނެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މި އަސީރުންގެ ތެރެއިން އެކަކީ އެމެރިކާ މީހެކެވެ. އެއީ، އިސްރާއީލުގެ ރަށްވެހިކަމުގެ އިތުރުން އެމެރިކާގެ ރަށްވެރިކަން ވެސް އޮންނަ އިސްރާއީލު މީހެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އެމެރިކާ މީހާގެ މަރުވެފައިވާ ހަށިގަނޑު ފެނުމުން ވަރަށް ދެރަވިކަން ދެއްކުމަށް ފަހު އެ މީހާގެ މަރުގެ ޒިންމާ ހަމާސްގެ މުޖާހިދުންގެ ބޮލުގައި އަޅުވައި ވާހަކަދައްކަވާފައެވެ.

ބައިޑެން ވިދާޅުވި ގޮތުގައި މިއީ ހަމާސްގެ "ރަހުމު ކުޑަކަމާއި" "މީހުން މަރަން ހަމާސް ފަސް ނުޖެހޭ" ކަމުގެ ހެއްކެކެވެ. ހަމާސް ފަދަ "މީހުން މަރާ" ޖަމާއަތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޣައްޒާގެ ބިންގަރާހެއްގައި މަރުވެފައިވަނިކޮށް ފެނުނު އިސްރާއީލުގެ ހަ އަސީރުންގެ ތެރޭގައި ހިމެނޭ އެމެރިކާ މީހާގެ ނަމަކީ ހާޝް ގޯލްޑަންބާގެވެ.

އަސީރުން މިނިވަންކުރަން ހަމާސްއާއި އިސްރާއީލާ ދެމެދު އެމެރިކާއާއި ގަތަރު އަދި މިސްރު މެދުވެރިކޮށް ކުރަމުންގެންދާ މަޝްވަރާތަކަށް 10 މަސް ވީއިރު ވެސް އިސްރާއީލާއާއި އެމެރިކާގެ މަގުސަދަކަށްވެފައިވަނީ އަސީރުން މިނިވަން ކުރުމަށްވުރެ ހަމާސް ބަލިކޮށް، ޣައްޒާ ހިފުމާއި ޣައްޒާގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައި އެ މީހުން މެރުމެވެ.

އެމެރިކާގެ ހިމާޔަތާއި އެއްބާރުލުމާ އެކު އިސްރާއީލުންވަނީ ފާއިތުވި 10 މަސް ތެރޭގައި ޣައްޒާގެ އާންމުންގެ ތެރެއިން 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، ދެ ލައްކައަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައެވެ. ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އާންމުންގެ ގެދޮރާއި އިންސާނީ އެހީދޭ މަރުކަޒުތަކަށް ވެސް ބޮން އަޅައި މުޅި ޣައްޒާވަނީ ބިމާ ހަމަކޮށްލާފައެވެ.

ހަމާސްއިންވަނީ އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާ ގޮތަށް އަދި ހަމަލާތައް ދާއިމީކޮށް ހުއްޓާލާގޮތަށް އަސީރުން މިނިވަންކުރުމަށް އެތައް ފަހަރަކު އެއްބަސްވެފައެވެ. އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރާ ގޮތަށް ހަމާސްއިންވަނީ އެއްފަހަރު އަސީރުންގެ ބަޔަކު މިނިވަން ވެސް ކޮށްދީފައެވެ.

ނަމަވެސް، ހަމާސް އެއްކޮށް ބަލިކޮށް ހަމާސް މުޅިން ނައްތާލައި ފަލަސްތީނުގެ މިނިވަންކަމުގެ އަޑު ކަނޑުވާލައި މުޅި ޣައްޒާ އެއްކޮށް ހިފުން ނޫން ގޮތެއް ގަބޫލުނުކުރާ ކަމަށް ބުނެ، އިސްރާއީލުވަނީ އަސީރުން ބަދަލުކުރުމުގެ ދެވަނަ އެއްބަސްވުމަކަށް ދިޔުމަށް ދެކޮޅު ހަދާފައެވެ.

އިސްރާއީލު ބުނާގޮތުން އަދިވެސް ހަމާސްގެ އަތްދަށުގައި އިސްރާއީލުގެ 102 އަސީރު އެބަތިއްބެވެ. ނަމަވެސް، މީގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުން މިހާރުވާނީ މަރުވެފައި ކަމަށް އިސްރާއީލުން ދެކެއެވެ. އަދި، އިސްރާއީލުގެ އަތްދަށުގައި ފަލަސްތީނުގެ 17،000 އަށް ވުރެ އަސީރުން އެބަތިއްބެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ އެތައް ސަތޭކަ އަސީރުން ވަނީ މަރުވެފައެވެ.

އިސްރާއީލުގެ އަސީރުންގެ އާއިލާތަކުންވަނީ އަސީރުން މަރުވުމުގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ބުނެފައެވެ. އެ އާއިލާތަކުން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގެންދާތާ މިހާރުވަނީ އެތައް މަހެއް ވެފައެވެ.

comment ކޮމެންޓް