އިހުމާލުން މީހަކު މަރުވީކަމަށްބުނެ ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާދީފި

ޗިޓަގޮން މެޑިކަލް ކޮލެޖު: ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ދެ ޑޮކްޓަރަކަށް ވަނީ ހަމަލާފީފައި --

ބަންގްލަދޭޝްގެ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފިއެވެ.

މިކަން ވަނީ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާދީފައިވަނީ ހާޓް އެޓޭކެއް ޖެހުނު ބަލިމީހަކަށް އެ ހޮސްޕިޓަލުގައި ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން އެ މީހާ މަރުވި ކަމަށް ތުހުމަތުކޮށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު "ސަން"އަށް ވިދާޅުވީ ޗިޓޮގަން މެޑިކަލް ކޮލެޖުގައި އެ ބަލިމީހާ އެޑްމިޓް ކުރީ ދިވެހި ދެ ޑޮކްޓަރުންނެއް ވެސް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެ ބަލިމީހާ މަރުވި ޚަބަރު، އޭނާގެ މައިންބަފައިންނަށް ދިނީ ދިވެހި ދެ ޑޮކްޓަރުން ކަމަށެވެ. އެއާ އެކު ބަލިމީހާގެ މައިންބަފައިން ދިވެހި ދެ ޑޮކްޓަރުން ގައިގައި ޖަހައި، ހަމަނުޖެހުން ހިންގީ އެ ވަގުތު އޮތް ނުތަނަވަސްކަމުގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

"ހަވީރު ޑިއުޓީގައި ތިބި މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ދެ ޑޮކްޓަރުން އެ ޚަބަރު ޕޭރެންޓުންނަށް މި ދިނީ. ދިނީމާ އެ ގްރީވެންސަސް ކޮންޓްރޯލް ނުކުރެވިގެން ޖެހި ކަމަށްވަނީ،" ނަޒީރު ވިދާޅުވިއެވެ.

ހަމަނުޖެހުން ހިންގަން ފެށުމާ އެކު އެ ތަނުގައި ތިބި ސީނިއާ ޑޮކްޓަރުން އައިސް އެ ދެ ޑޮކްޓަރުން ސަލާމަތްކޮށް، ރައްކާތެރި ތަނެއްގައި ބޭތިއްބިކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވި ގޮތުގައި، އެ މީހުން ހަމަނުޖެހުން ހިންގީ ހޮސްޕިޓަލުގެ އިހުމާލުން ބަލިމީހާ މަރުވިކަމަށް ތުހުމަތުކޮށްފައި ކަމަށެވެ. އެއީ ދިވެހި ޑޮކްޓަރުންގެ އިހުމާލުންވީ ކަމެއް ނޫން ކަމަށް ނަޒީރު ވިދާޅުވިއެވެ.

"ހޮސްޕިޓަލުން އިހުމާލުވެގެން އެ ބުނާ މީހަކު މަރުވި ކަމަށް ގަބޫލުކޮށްގެން އެ މީހުން ހިންގި ކަމެއް. އެއީ ހަމަ އެ ވަގުތު އައި ރުޅިގަނޑު ބޭލީ، އެ މީހުނަކަށް ނޭނގޭ ދިވެހީން ކަމެއް ވެސް،" ނަޒީރު ވިދާޅުވިއެވެ.

މި މައްސަލައިގައި އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ އެދުމުގެ މަތިން ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ކޮލެޖުގެ ސެކިއުރިޓީ ރަނގަޅުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ސީނިއާ ޑޮކްޓަރުން ތަމްރީނު ހޯދުމަށް ވަރަށް ގިނައިން ދާ ގައުމެކެވެ. އެހެން ނަމަވެސް މީގެ ކުރިން މި ފަދަ އެެއްވެސް ހާދިސާއެއް ފާހަގަވެފައިނުވާއިރު، އަދި އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ބެލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް