ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރުޝައިޚް ޙަސީނާ އަނބުރާ ގައުމަށް ގެންދިއުމަށް އިންޓަޕޮލްގެ އެހީތެރިކަން ހޯދާނެ ކަމަށް އެ ގައުމުގެ ވަގުތީ ސަރުކާރުން ބުނެފިއެވެ.
ޙަސީނާގެ އިތުރުން އެކަމަނާގެ ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިހާރު ފިލައިގެން އުޅޭ މީހުން ހޯދުމަށް ވެސް އިންޓަޕޯލްގެ އެހީތެރިކަން ހޯދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
"ވަރަށް އަވަހަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރޭނެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ފިލައިގެން ހިމާޔަތް ހޯދައިގެން ތިއްބަސް އަނބުރާ ގެނެސް ކޯޓުގައި ޖަވާބުދާރީ ކުރުވާނަން," ވަގުތީ ސަރުކާރުގެ ލޯ އެފެއާޒް އެޑްވައިޒަރު އާސިފް ނަޒްރުލްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހަސީނާ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވި، 700 އަށް ވުރެ ގިނަ މީހުން މަރުވި ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބެލެވޭ އެތައް ބަޔަކު ވަނީ ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ހައްޔަރުކޮށްފައެވެ.
މީހުން މެރުމާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގުމުގެ ދައުވާ އިއްވަން ހަސީނާ ހާޒިރުވާން އަންގާފައިވާއިރު އެކަމަނާ އެންމެ ފަހުން ފެނިފައިވަނީ ބޮޑުވަޒީރުގެ ގެކޮޅު ކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވާން ފެށުމާ އެކު ހެލިކޮޕްޓަރުގައި ފިއްލަވަނިކޮށެވެ. ވަޑައިގަތީ އިންޑިއާއަށް ކަމަށް ވެސް މީޑިއާތަކުން އޭރު ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި ރެޑް ނޯޓިހަކީ ބައިނަލްއަގުވާމީ ހައްޔަރުކުރުމުގެ އަމުރެއްގެ ބަދަލުގައި އެކްސްޓްރެޑިޝަން، ހަވާލުވުން ނުވަތަ އެއާ އަޅާކިޔާ ގާނޫނީ ފިޔަވަޅެއް އަޅަންދެން ފަރުދެއް ހޯދައި ވަގުތީ ގޮތުން ބަންދުކުރުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައި އެދޭ އެދުމެކެވެ.
އިންޓަޕޯލްގެ މެންބަރު ގައުމުތަކުން ރެޑް ނޯޓިސް ތަންފީޒުކުރަނީ އެ ގައުމުތަކުގެ ގާނޫނުތަކާ އެއްގޮތަށެވެ.
އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)އަކީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ޝަރީއަތް ހިންގުމަށް ހަސީނާގެ ސަރުކާރުން 2010 ވަނަ އަހަރު އުފެއްދި ޓްރައިބިއުނަލެކެވެ.
ޙަސީނާ ހައްޔަރުކުރުމަށް ބަންގްލަދޭޝްގެ ކޯޓުން ވެސް މިދިޔަ މަހު ވަނީ އަމުރު ނެރެފައެވެ.