އިޓަލީ މާކެޓު އެއްލައްކައަށް އަރައި، 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް ރިސީވް ކުރަނީ: އިޓަލީ މާކެޓު އެއްލައްކައަށް އަރާ މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައި --

އިޓަލީން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް އަރައި، މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،347،973 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅައި ބަލާއިރު 127،487 ފަތުރުވެރިންގެ ކުރިއެރުމެކެވެ.

މިހާތަނަށް އައިއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި ޗައިނާ އޮތް އިރު ދެވަނައިގައި ރަޝިއާ އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ހަތަރުވަނަ މާކެޓެއްގެ ގޮތުގައި އޮތް އިޓަލީން ވަނީ މި ހަފުތާގައި އައި ފަތުރުވެރިންނާއެކު އެއްލައްކައަށް އަރާފައެވެ.

އެގޮތުން މިހާތަނަށް ރާއްޖޭގެ އެންމެ ޓޮޕް 10 މާކެޓުތަކަކީ:

  • ޗައިނާ: 196،216 ފަތުރުވެރިން
  • ރަޝިއާ: 145،510 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 116،588 ފަތުރުވެރިން
  • އިޓަލީ: 100،532 ފަތުރުވެރިން
  • ޖާމަނީ: 95،217 ފަތުރުވެރިން
  • އިންޑިއާ: 80،652 ފަތުރުވެރިން
  • ޔޫއެސްއޭ: 46،029 ފަތުރުވެރިން
  • ފްރާންސް: 39،034 ފަތުރުވެރިން
  • ސްޕެއިން: 28،984 ފަތުރުވެރިން
  • ސްވިޒަލެންޑް: 25،650 ފަތުރުވެރިން

ފާހަގަކޮށްލެވޭ ގޮތުގައި ހަވަނައިގައި އޮތް އިންޑިއާގެ މާކެޓަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އިންޑިއާއަކީ މި އަހަރު ފެށުނުއިރު ވެސް ރާއްޖޭގެ އެއްވަނަ މާކެޓެވެ.

ނަމަވެސް މިހާރު އިންޑިއާގެ މާކެޓު ދަށްވެފައިވީ ނަމަވެސް، އަމާޒަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މީގެ ކުރިން ވިދާޅުވެފަވެއެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 64،142 އެނދު ހުރި ކަމަށް އެ މިނިސްޓަރީގެ ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް