މާފަންނު ގެއެއްގައި ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި އަހުމަދު އަތުހަރު ހޮޑުލާތީ، އޭނާގެ ހާލަތު ބެލުމަށް އައިޖީއެމްއެޗް އޮބްޒަވޭޝަންގައި ބާއްވާފައި އޮތުމަށްފަހު ދޫކޮށްލުމުން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އަތުހަރަށް އަނިޔާވެފައި ވަނީ ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމަށްޓަކައި ފުލުހުން މުގުރުން އަތުހަރުގެ ބޮލަށް ހަމަލާ ދިނުމުންނެވެ.
އެއާއެކު އަންހެން މީހާ ސަލާމަތްކުރުމަށްފަހު ފަރުވާ ދިނުމަށްޓަކައި އަތުހަރު އެންމެ ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭޑިކޭގައި ފަރުވާ ދިނުމަށްފަހު އިއްޔެ އޭނާ ދޫކޮށްލި ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ނަމަވެސް، އަތުހަރު ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ހާލަތުގެ އިތުރަށް ބެލުމަށް އައިޖީއެމްއެޗް އޮބްޒަވޭޝަންގައި ރޭ ބާއްވާފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ ހެނދުނުގެ ވަގުތެއްގައި އަތުހަރު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެކުރިން ފުލުހުން ބުނީ، ބަންދުކޮށްފައިވާ އަންހެން މީހާއަށް އެ ގޭތެރޭގައި އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ހިފަހައްޓައިގެން ހުރި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި ވަޅިޖައްސާ އިންޒާރު ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ އަންހެން މީހާ ގޭތެރެއަށް ވައްދައި އަނިޔާކުރުމަށްފަހު އޭނާގެ ކަރުގައި ވަޅިޖައްސައިގެންހުރެ މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ހާދިސާގެ މައުލޫމާތު އެނގޭ މީހަކު 'ސަން'އަށް ބުނި ގޮތުގައި ރަހީނުކޮށްގެން ގެންގުޅުނީ އަތުހަރުގެ ލޯބިވެރިޔާއެވެ. ދެ މީހުން ދިރިއުޅެމުން އައި އެކީގައި، އެއް ގެއެއްގައެވެ. އަތުހަރަކީ ވަޒީފާއަކަށްދާ މީހެއް ނޫނެވެ.
އެހެންވެ، ގޭގެ ޚަރަދުތަކާއި ކުއްޔާއި އަދި އެ ނޫން ވެސް އަތުހަރުގެ ކަންކަމަށް ޚަރަދުކުރީ ލޯބިވެރިޔާއަށް ލިބޭ މުސާރައިން ކަމަށް ވެއެވެ. އަދި އޭނާ ރަހީނުކޮށް އަނިޔާކޮށްފައި ވަނީ އަހުތަރަށް ޚަރަދުނުކުރާން ބުނުމުން ކަމަށް ވެސް އެމީހާ ކިޔައިދިނެވެ.