އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުންދާ ރަހީމް ސްޓާލިން ލޯން އެއްބަސްވުމެއްގެ ދަށުން ވާދަވެރި އާސެނަލްއަށް ބަދަލުވެއްޖެއެވެ.
މި ލޯން އެއްބަސްވުމާއެކު ސްޓާލިންއަށް ވަނީ މެންޗެސްޓާ ސިޓީގައި ކުރިން އެއްކޮށް ކޯޗުކޮށްދިން މިކޭލް އާޓޭޓާގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް ލިބިފައެވެ. ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާވަނީ އޭނާގެ ޓީމުން އުމުރުން 29 އަހަރުގެ ސްޓާލިންއަށް ފުރުސަތު މިސީޒަންގައި ނުލިބޭނެކަން ހާމަކޮށްފައެވެ.
އާސެނަލްއަށް ބަދަލުވުމަށްފަހު ވާހަކަ ދައްކަމުން ސްޓާލިން ބުނީ އޭނާއަށް ކުރެވެމުންދާ އިހްސާސްތައް ވަރަށްވެސް ރަނގަޅު ކަމަށާއި މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ. އެންމެ ފަހު ވަގުތު ގެނެވުނު ބަދަލެއްނަމަވެސް މިއީ އެބަދަލަކަށް އޭނާ އިންތިޒާރު ކުރަމުންދިޔަ ބަދަލެއް ކަމަށެވެ.
ހުރިހާ ކަމަކަށް ބަލާއިރު މިއީ އޭނާއަށް އެންމެ ރަނގަޅު ނިންމުންކަމުގައި ސްޓާލިން ހާމަކުރެއެވެ. އަދި އާސެނަލްއިން އެންމެ ފަހު ފަގުތު އޭނާ ގެންދިއުމަށް ޝައުގުވެރިވުމުން އުފާކުރާކަމަށް ވެސް އޭނާ ހާމަކުރިއެވެ. އަދި މިއާއެކު އޭނާގެ ކުރީގެ އެސިސްޓަންޓް ކޯޗު އާޓެޓާ އާއެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެކަން އޭނާ ފާހަގަކުރިއެވެ.
ސްޓާލިންވަނީ 2022 ވަނަ އަހަރުގެ ޖުލައި ގައި 50 މިލިއަން ޕައުންޑްގެ އަގަކަށް ސިޓީއިން ޗެލްސީއަށް ބަދަލުވުމަށްފަހު އެޓީމަށް 81 މެޗު ކުޅެދީ 19 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ޗެލްސީގެ މިހާރުގެ ވެރިން އެޓީމާ ހަވާލުވުމަށްފަހު އެޓީމަށް އެންމެ ފުރަތަމަ ގެންދިޔަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ނަމަވެސް މިސީޒަންގައި އެޓީމާ އަލަށް ގުޅުނު ކޯޗު މަރެސްކާގެ ޕްލޭންގައި ސްޓާލިން ނުހިމެނޭކަން އެނގުނު ހިސާބުން އޭނާވަނީ އެހެން ޓީމަށް ބަދަލުވެވޭތޯ މަސައްކަތް ފަށާފައެވެ.
ޗެލްސީއިން މިސީޒަނަށްޓަކައިވަނީ 200 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހޭދަކޮށް އާ 11 ކުޅުންތެރިން އެޓީމަށް ގެންގޮސްފައެވެ.